މޫސުން ގޯސްވެ، ގިނަ އަތޮޅު ފެރީތައް ކެންސަލްކޮށްފި

އެމްޓީސީސީން އަތޮޅުތަކުގައި ދުއްވާ އަތޮޅު ފެރީތައް، މޫސް ގޯސްވުމުގެ ސަބަބުން މިއަދު ކެންސަލްކޮށްފި އެވެ.
އެމްޓީސީސީން ބުނީ ނުވަ އަތޮޅެއްގައި ދުއްވާ އެ ކުންފުނީގެ 20 ފެރީގެ ދަތުރުތައް ވެސް ކެންސަލްކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭން އުތުރުގެ ފަސް އަތޮޅާއި ގއ. އަތޮޅުގައި ދަތުރު ކުރާ ފެރީތަކެވެ.
މާލެ ސަރަހައްދުގެ ރަށްރަށަށް އެމްޓީސީސީން ކުރާ ގިނަ ދަތުރުތަކެއް ވެސް މޫސުން ގޯސްވުމާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށް، އެ ކުންފުނިން ބުނެ އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯވާރެއާ އެކު ވައި ގަދަވެ، ކަނޑު ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓު)ން ލަފާ ކުރެ އެވެ. އެހެންވެ، ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެތަނުން އިލްތިމާސް ކުރެ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓުން މިއަދު ވަނީ ހއ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ