ރައްޔިތުން ހޭލުންތެރި ކުރުމަށް އީސީގެ ޓީމްތައް އަތޮޅުތެރެއަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީންކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް، ހާއްސަ ޕްރޮގްރާމްތަކެއް އަތޮޅު ތެރޭގައި ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެ އެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރު ވަމުންދާ އިންތިހާބުގެ ކަންކަން އޮޅުންފިލުވައިދީ ހޭލުންތެރި ކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމް ހަތަރު ސަރަހައްދެއްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ 4000 އަށް ވުރެ ގިނަ ވޯޓު އޮފިޝަލުން އެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމްތައް ހިންގާނީ ތަޖުރިބާކާރުންގެ ޓީމްތަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ރަށްރަށަށް ފޮނުވާ ޓީމްތަކަށް ހާއްސަކޮށްގެން އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް މިހާރު ވެސް އެ ކޮމިޝަނުގައި އިއްޔެ އިން ފެށިގެން ދަނީ ކުރިއަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަންނަ ޖުލައި މަހުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ