މަޖިލީހުން ފާސްކުރި ދެ ބިލަށް ދައުލަތުން އަމަލުކުރާކަށް ނުޖެހެނޭ: ގާސިމް

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ދެ ބިލަކީ ގާނޫންއަސާސީއާއި ކަނޑައެޅިގެން ހިލާފަށް ފާސްކޮށްފައިވާ ދެ ބިލް ކަމަށް ވާތީ މަޖިލީހުގެ މިއަަދުގެ ނިންމުމަށް ދަައުލަތުން އަަމަލުކޮށްގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަަބުދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާއި، ވިލިމާލެ ދާއިރާގެ މެންބަރު އަަހްމަަދު ނިހާން ހުސައިން މަަނިކު މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތްތައް ބަޔާންކޮށް ހުށަހަޅާފަައިވާ އެންޓި ޑިފެކްޝަން ބިލް މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެން ކުރައްވާފަައިވާ ޓްވީޓެއްގަ އެވެ.
ދިވެހިން މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވީ މަޖިލީހުން މިއަދު ފާސްކުރި ދެ ބިލަކީ ވެސް ގާނޫނު އަސާސީއާއި ކަނޑައެޅިގެން ހިލާފަށް ފާސްކޮށްފައިވާ ދެެ ބިލް ކަމަށެވެ. އެހެންކަމުންް އެއީ ދައުލަތުން އެއަށް އަމަަލުކޮށްގެން ނުވާނެ ދެ ބިލް ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ކަހަލަ ބިލްތައް މަޖިލީހުން ފާސްކުރާއިރު ރައްޔިތުންގެ މަޖިލީހުގެ އެފަދަ ޖަލްސާއަަކަށް 43 މެންބަރުން ހާޒިރުވެ ތިއްބަވަންޖެހޭނެ ކަމަށާ ގާނޫން އަސާސީގަައި ބުނެފަައިވާ ގޮތުން 43 މެންބަރުން ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގައި ނޫން ގޮތަކަށް މިފަދަ ބިލްތަކަށް ވޯޓަށް ނޭހޭނެ ކަމަށެވެ.
މި ދެ ބިލަށް ވޯޓަށް އެހުމުގެ ކުރިންވެސް ގާސިމް ވަނީ މިފަދަ ބިލެއް ފާސްކުރުމުގައި ބައިވެރިވެވަޑައިނުގަތުމަށް މަޖިލީހުގެެ މެންބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ގާސިމް ވަނީ މި ދެ ބިލް ފާސްކުރުމަށް މަަޖިލީހަށް ވަޑައިގެންނެވި މެންބަަރުންނަކީ ލަގަން ވިއްކާލާފައިވާ މެންބަރުންތަކެއްގެ ގޮތުގަައި ސިފަަކުރައްވާފަ އެވެ.
މަޖިލީހުން މިއަަދު ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހާއި، ގޮނޑި ގެއްލޭ ބިލް ފާސްކޮށްފައިވާއިރު މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ޗެމްބަރަށް ވަދެވަޑައިގެންފައިވަނީ 40 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށް ދަނީ ގާނޫން އަސާސީއާއި މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ ގުޅިފައިވާ ޕާޓީ ތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ