އިއްޔެ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ބުނެފައި ނުވާކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.
އިދިކޮޅު ޕާޓީތަކުން އާދީއްތަ ރޭ މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އަމުރުގައި ބުނެފައި ނެތް ކަމަށާއި މައްސަލަ އޮތީ ހަމަ ކުރިން ވެސް އޮތްގޮތަށް ކަމަށެވެ.
"ބަންޑާރަ ނައިބުގެ އޮފީހުން އެދިފައިވަނީ ސުޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ކޮށްފައިވާ އަމުރުގައި ކަނޑައަޅާފައިވާ ތިންކަމެއް ބާތިލް ކުރަން ސުޕްރީމް ކޯޓުން އެކަމަށް ގޮތެއް ކަނޑައަޅަންދެން އެކަންކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި ނުވާކަމަށާއި ވަގުތީއަމުރެއް ނެރެފައިވަނީ މެންބަރުންނާއެކު މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ކޮށްފައިވާ އަމުރު މަޑުޖައްސާލުމަށް ކަމަށެވެ.
މިއަދު ބޭއްވުމަށް ހަމަ ޖެހިފައިވަނީ ދައުރުން ބޭރު ޖަލްސާއެއް ކަމަށްވާއިރު އެޖަލްސާގައި 12 މެންބަރުންނަށް ބައިވެރި ނުވެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އެއްވެސް އަމުރެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުނު ކަމަކަށް ކަނޑައަޅާފައެއް ނެތް ކަމަަށެވެ.
އިބޫ ވިދާޅުވީ ދައުރުން ބޭރުގައި ބާއްވާ އެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ވަޑައިގަތުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
" ޖަލްސާތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މިހާރު ތިއްބެވި މެމްބަރުންނާއެކު ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި އަންގާފައިވާއިރު މިއަދު ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ އޭގެ ތެރޭގައި ނުހިމެނޭނެ" އިބޫ ވިދާޅުވިއެވެ.
12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކު ނެތް - އިދިކޮޅު ޕާޓީތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ