ލަތީފް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު ހުންނެވީ ޕީޕީއެމްގަ- ދައުލަތް

އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބްވިނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ކުރެއްވި އިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު ހުންނެވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުން ބުނެފިއެވެ.އަބްދުއް ލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ބަނޑާރަ ނައިބްގެ އޮފީހުގެ ފަރާތުން ތަމްސީލް ކުރެއްވި ދައުލަތުގެ ވަކީލުން ވިދާޅުވީ، 19 ޖޫން ގައި ލަތީފް ޕީޕީއެމް އިން ވަކިވާން އަމިއްލައަށް ހުށައެޅި ކަމަށް ވިދާޅުވި ނަމަވެސް، އިލެކްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގެ ލަތީފް ގެ ނަން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި 18 ޖުލައި އާ ހަމަޔަށް ވެސް އޮތް ކަމަށެވެ.އަދި 3 ޖުލައި ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް މައްސަލައިގެ ގަރާރުގައި ލަތީފް ސޮއި ކުރުމަށް ފަހު، އޭނާގެ ނަން ގަރާރުން ނެގުމަށް ޕީޕީއެމް އިން 17 ޖުލައި އާ ހަމަޔަށް މުހުލަތެއް ދެއްވާފައިވަނިކޮށް، އޭނާގެ ނަން އަނބުރާ ނުނެގުމުގެ ސަބަބުން، ލަތީފް 18 ޖުލައިގައި ޕީޕީއެމް އިން ވަކި ކުރެވިފައިވާ ކަމަށެވެ.މައްސަލަ ހުށައެޅި ލަތީފް ގެ ޤަނޫނީ ޓީމުން ވިދާޅުވީ އޭނާ އަކީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ރައްޔީތުން މަޖިލީހަށް އިންތިހާބް ވެވަޑައިގެންނެވި ފަރާތަކަށްވުމުން އެ ހުކުމް އޭނަގެ މައްޗަށް ނުހިނގާނެކަމަށެވެ. ނަމަވެސް، ދައުލަތުން ބުނެފައިވަނީ ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު، ލަތީފް ހުންނެވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަމުން އެހުކުން އޭނާގެ މައްޗަށްވެސް ހިނގާނެކަމަށެވެ.ދައުލަތުގެ ވަކީލުން އިތުރަށް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ރެޓްރޯސްޕެކްޓިވް ކޮށް ނުވަތަ ހުކުމް ކުރުމުގެ ކުރިން މާޒީގައި މެމްބަރަކު ހުރި ޕާޓީއަކަށް ނުބައްލަވާނެ ކަމަށެވެ. އެގޮތުން ހުކުމް ކުރި ތާރީހް ކަމަށްވާ 13 ޖުލައިގެ ފަހުން މެމްބަރަކު ޕާޓީއިން ވަކިވެއްޖެ ނަމަ ނޫނީ މެމްބަރަކު ޕާޓީ އިން ވަކިކޮށްފި ނަމަ ނޫނީ އެހެން ޕާޓީއަކާއި ގުޅިވަޑައިގަންފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށެވެ.ދައުލަތުގެ ފަރާތުން އިތުރަށް ވިދާޅުވެފައި ވަނީ، ޖުލައި މަހުގެ 18 ވަނަ ދުވަހު ލަތީފް ޕީޕީއެމްއިން ވަކި ކޮށްފައި ވަނި ޕީޕީއެމްގެ އަސާސީ ގަވައިދުގެ 38 ވަނަ މައްދާއަށް ރިޔާއަތްކޮށް ކަމަށެވެ. އެގޮތުން އެ މައްދާ ގައި ވާގޮތުން ޕާލިމަންޓްރީ ގުރޫޕްގެ މެމްބަރަކު އަމަލު ކުރަން ޖެހޭނީ ޕާޓީގެ ގަވައިދުތަކާއި ޕާޓީގެ ސުލޫކީ މިންގަނޑު ތެރެއިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ