އެމްޑީޕީއަށް ޑިމޮކްރަސީ ހަޖަމެއް ނުކުރެވޭ: ގާސިމް

އެމްޑީޕީއަކީ ޑިމޮކްރަސީ އަށް ތަބާވާ ޕާޓީއެއް ކަމަށް ބުނި ނަމަވެސް އެއީއެމްޑީޕީ އަށް ޑިމޮކްރަސީ ހަޖަމު ނުކުރެވޭ ކަމަށް ޖުމުހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކ. ކާށިދޫގައި ޖުމުހޫރީ ޕާޓީ އިން ބޭއްވި ޖަލްސާ އަށް ހުރަސް އެޅުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން އެމްޑީޕީ އިން އަޑުގަދަކޮށް ލަވަޖަހަމުން ދިއުމުން އެކަމަށް އިޝާރަތްކުރައްވައި ގާސިމް ވިދާޅުވީ އެމްޑީޕީ އިން ލަވަޖަހާފައި ހުރި ނަމަވެސް އެ ލަވައިގެ އަޑު "ކަންފަތަށް ނީވޭ" ކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް ޑިމޮކްރަސީ އެނގޭ ކަމަށާއި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމްޑީޕީގެ އިސްލީޑަރު މުހައްމަދު ނަޝީދު ކާށިދޫއަށް ވަޑައިގެން ޖަލްސާ ކުރެއްވެވި އިރު އެކަމާ ދެކޮޅަށް ބަޔަކު ހުރަސް އަޅާފައި ނުވާ ކަމަށެވެ.
"ޑިމޮކްރަސީ އަކީ ކޮބައިކަން ދަސްކޮށްދޭން މަސައްކަތްކުރި ފަރާތްތައް ކަމަށް ބުނާ އެމްޑީޕީގެ މީހުންނަށް ދަންނަވާލަން އޮތީ ޑިމޮކްރަސީ އޮތް ގޮތް މިހާރު ތިޔަ ބޭފުޅުންނަށް މި ފެނިވަޑައިގެންނަވަނީއޭ! މިދޭތެރެ އިން ވެސް އެމްޑީޕީގެ އިސްފަރާތްތައް ވަޑައިގެން މި ރަށުގައި ޖަލްސާ ބާއްވައިފި، އެކަމަކު ނުނުކުމޭ މިރަށުގެ ރައްޔިތުންނެއް އެމީހުންނާ ދެކޮޅަކަށް. އަޅުގަނޑުމެންނަށް މިރޭ މިފެންނަނީ ޑިމޮކްރަސީ ހަޖަމުކުރެވޭ މީހުންނާއި ނުކުރެވޭ މީހުންގެ ތަފާތު،" ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީ ހިނގަމުން ދިޔަ އިރު ޖަލްސާގެ އަޑާ އެކު، ހުރީ އެމްޑީޕީ އިން ހޯލު ބޭރުގައި ޖަހާފައި ހުރި ލަވައިގެ އަޑެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ވެރިކަމުން ފައިބައި ވަޑައިގަތީ ރާއްޖެ ދަރުވާލައި ވިއްކާލާފައި ކަމަށާއި އެހެން އެކަން ކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ތަނަވަސްކަން ބީވެފައިވުމުން ރައްޔިތުން ވަރަށް މަސައްކަތްކޮށްގެން ނޫނީ ދެން ރާއްޖޭގެ ހާލަތު ހަމައަކަށް އެޅުވެން ނެތް ކަމަށެވެ.
"10،000ފުލެޓް އަޅާދޭނަމޭ ކިޔާފައި 2000 ފުލެޓްގެ ބިންގާ ވެސް ރަނގަޅަށް ނޭޅޭ، އެފްލެޓްތައް ކޮބައިތޯ؟ މިމީހުންގެ ވެރިކަމަށް ތިން އަހަރުވެގެން ދިޔައިރު އެއްވެސް ކަމެއް ނުކުރެވުނު. ރާއްޖޭގެ ރައްޔިތުން ބޮލަށް އަރައިގަންނާނެ ކަން އެގުނީމާ އަވަހަށް ދަރަނިވެރިކޮށްލާފައި އެއްކައިރިއަށް ޖެހިލީ!" ގާސިމް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމްޑީޕީ އިން ފާޑުފާޑުގެ ވާހަކަ ދައްކައިގެން ދިވެހިން ޅޮސް އުނދޯއްޔަށް އަރުވަން މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ