45 އަކާއި ހިސާބުން ހުއްޓާލައިގެން ނުވާނެ އެއަދަދު 60 އަށް އަރުވަންޖެހޭ : މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި 45 މެމްބަރުންގެ ވޯޓު ހަމަވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި މަސައްކަތް ހުއްޓާނުލާ އެއަދަދު 60 އަށް އަރުވަން ޖެހޭ ކަމަށް ރައީސް މައުމޫނު މިރޭ ވިދާޅުވެއްޖެއެވެ.
"މި އަދަދު 45 ހިސާބުން ހުއްޓިގެން ނުވާނެ. 50، ދާން ޖެހޭ، 55 އަށް ދާން ޖެހޭ 60 އަރުވަން ޖެހޭ. އަޅުގަނޑުމެންނަށް ކަންތައްތައް ކުރަން މަގުފަހިވާ ގޮތަށް އަދަދު އިތުރުކުރަން ޖެހޭ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވާލަން ބޭނުންވީ، 45 ގެ ތެރޭގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅުން ވެސް މިކޮޅަށް ވަޑައިގަންނަވާށޭ. ގައުމަށް ޚިދުމަތް ކުރުމުގެ ދޮރު ތިޔަ ބޭފުޅުންނަށް ވެސް މިއޮތީ ހުޅުވިފައޭ، އަޅުގަނޑުމެންނަށް މި ހުޅުވާލެވުނީ ދޮރެއް. އެ ދޮރު ހުޅުވާލެވުމުން އަޅުގަނޑުމެންގެ ކުރިމަތީގައި އެބައޮތް ވަރަށް ދިގު މަގެއް، ވަރަށް ފުޅާ މަގެއް. އެ މަގުން އެބަޖެހޭ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަށް ދާން." ރައީސް މައުމޫން ވިދާޅުވިއެވެ.
"މަޖުބޫރުވީ އެހެން ގޮތަކަށް ހައްދަވަން، އެއީ މި ދަންނަވާ ބިރުވެރި ކަމަކީ. މި ބިރުވެރިކަމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. ކާކުތޯ ބޭނުން ވާނީ. އަޅުގަނޑުމެން ބޭނުން ވަނީ ދިވެހިރާއްޖެ އަކީ އަމާން ސުލްހަވެރި ތަނަަކަށް ވާން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ ވޯޓުގެ މައްސަލައިގައި އިސްދޫ ދާއިރާގެ މެމްބަރު ކަންކުރެއްވި ގޮތަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ