މަސީހާ ދެކޮޅަށް ސޮއިކުރިން، ވިސްނުނީ ފަހުން: މެމްބަރު ރަޝީދު

މަސީހާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި ސޮއިކުރިން ކަމަށާއި އެހެން ނަމަވެސް ފަހުން ވިސްނިވަޑައިގެން ސޮއި ނެގުމަށް ވިދާޅުވިން ކަމަށް މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ގާރީ) ވިދާޅުވެއްޖެ އެވެ. މަޖިލީހަށް 45 މެމްބަރުންގެ ސޮޔާ އެކު މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހެޅި އިރު ގާރީގެ ސޮއި ހިމެނެ އެވެ. އެދުވަހު މީޑިއާ ބައްދަލު ކުރައްވާ ގާރީ ވިދާޅުވީ އެބޭފުޅާގެ ސޮއި ފޯޖްކޮށްފައިވާ ކަމަށާއި އެއީ "ފޭކް ސޮއެއް" ކަމަށެވެ. ނަމަވެސް ފަހުން ޕޮލިހަށް ވަޑައިގެން ގާރީ ވިދާޅުވެފައިވަނީ އެބޭފުޅާ ސޮއި ކުރެއްވީ ރިޝްވަތު ދިނުމުން ކަމަށެވެ. އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ގާރީ ވިދާޅުވީ ރަނގަޅު ކަމަކަށް މީހަކު އެދިއްޖެ ނަމަ ވަރަށް ފަސޭހައިން އާއެކޭ ބުނުމަކީ އެމަނިކުފާނުގެ މިޖާޒުގައި ހުންނަ ގޮތް ކަމަށެވެ. " އެހެންނަމަވެސް އެކަމުގެ ސީރިއަސް ކަމާއި މުހިންމުކަން އަޅުގަނޑު ވިސްނާލި އިރުގައި އެއީ އަޅުގަނޑުމެންގެ ބައްޕައަކު ބުންޏަސް މަންމަ އަކު ބުންޏަސް ހުއްދަ ނުވާ ވަރުގެ ކަންތައްތައް" ގާރީ ވިދާޅުވި އެވެ. އެކަން ވިސްނިގެން އެއްވެސް މީހަކާ މަޝްވަރާ ނުކޮށް ސޮއި ނުހިމެނުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިފައިވާނެ ކަމަށް ގާރީ ވިދާޅުވި އެވެ. އަދި އެގޮތަށް އެދުމުން ގާރީގެ ސޮއި ނުހިމަނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. " މައްސަލަ ވެއްދުމުގެ އެއްދުވަސް ކުރިންވެސް އެބޭފުޅުންނަށް ގުޅުއްވުމުން ވިދާޅުވި އަޅުގަނޑުގެ ނަން އޭގައި ނޯންނާނެ ކަމަށް" ގާރީ ވިދާޅުވި އެވެ. ގާރީ ވިދާޅުވީ މައިންބަފައިން ފަދަ ލޯބިވާ ބޭފުޅަކު ކުއްލިއަކަށް ކަމަކަށް އެދިވަޑައިގަތުމުން އެކަން ކުރެވުނީ ކަމަށެވެ. އެބޭފުޅާގެ ނަން ހާމަ ނުކުރައްވަނީ އިހުތިރާމް ކުރާތީ ކަމަށް ގާރީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ