އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމަނިކުފާނު ހުންނެވި ތަނަކަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި އޭސީސީ އަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަން ތައްޔާރު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އޭސީސީ އިން ކުރާ ތަޙްޤީޤަކަށް ރައީސް މައުމޫންގެ ބަޔާނެއް ނަންގަވަން ބޭނުންވާ ކަމަށާއި ނަމަވެސް ރައީސް މައުމޫން ހުންނެވި ތަނަކަށް އޭސީސީގެ މުވައްޒަފުން ވަޑައިގަންނަވާނީ ކަމަށް އެކޮމިޝަންގެ ރައީސް އިއްޔެ ވިދާޅުވެފައިވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނު އޭސީސީ އަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަން ބޭނުންފުޅުވަނީ މީޑިއާގެ ވެސް ކުރިމަތީގައި ކަމަށާއި އޭރުން މުޅި ގައުމަށް ހުރިހާ މަންޒަރެއް ފެނި ހުރިހާ އެއްޗެއް އަޑު އިވޭނެ ކަމަށެވެ. އެމައުލޫމާތު އެނގުން އެއީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ބަޔާނެއް އޭސީސީ އިން ނަގަން ބޭނުން ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ތީމުގޭގެ އޮޑިޓް ރިޕޯޓާއި ގުޅިގެންނެވެ. އޭސީސީގެ ރައީސް ހަސަން ލުތުފީ އިއްޔެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ކުރީގެ ރައީސުންނާއި އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ކުރީގެ ރައީސުން އޭސީސީ އަށް އެއްވެސް މައްސަލައެއްގައި ހާޒިރުކުރުމުގެ ބަދަލުގައި އެބޭފުޅަކާ މެދު ހުށަހަޅާފައިވާ ޝަކުވާއެއްގެ ބަޔާން ނަގާނީ އަރިހަށް ގޮސްގެން ކަމަށެވެ.
ރައީސް މައުމޫން އޭސީސީ އަށް ހާޒިރުވެ ވަޑައިގަންނަވަން ނިންމެވުން ދެން އޭސީސީ އިން އަމަލު ކުރާނެ ގޮތެއް އަދި އެކޮމިޝަނުން ހާމައެއް ނުކުރެއެވެ.
އަޅުގަނޑު އޭސީސީ އަށް ހާޒިރުވާނަން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ