ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހަވާލުވެވަޑައިގަތުމަކީ ތާއީދުކުރައްވާ ކަމެއް ކަމަށާއި ގާސިމް އިބްރާހީމަކީ އެ މަގާމަށް އެންމެ ގާބިލް އެއް ބޭފުޅާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ގޮނޑީގެ އަދަދު މަދުވުމުން މަޖިލީހުގެ ރައީސް ކަމާއި ނައިބް ރައީސްގެ މަގާމަށް އެމްޑީޕީއަށް ބޭފުޅަކު ނެރެވެން ނެތް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ބޭފުޅުން ކަނޑައެޅުމުގައި އެމްޑީޕީއަށް އޮތީ އެމްޑީޕީއަށް ފެންނަ އެންމެ ގާބިލް ބޭފުޅަކަށް ތާއީދުކުރުން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"ދެން ނަންތައް ހުށަހެޅިގެން އައީމާ އަޅުގަނޑުމެން ޕާޓީގެ ތެރޭގައި މަޝްވަރާކޮށް ތާއީދުކުރާނެ ވަކި ބޭފުޅަކާ މެދު ގޮތެއް ނިންމާނީ،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ވަރަށް ގާބިލް ބޭފުޅުން އާ މަޖިލީހަށް ވެސް އިންތިހާބު ކުރެވިފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ގާސިމް އިބްރާހީމަކީ މަޖިލީހުގެ ރައީސް ކަން އަދާކުރެއްވޭ ވަރުގެ ގާބިލް ބޭފުޅެއް ކަން ގާސިމް އިބްރާހީމް މާޒީގައި އަދާކުރެއްވި ދައުރުން ޔަގީންކޮށްދެއްވާފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"ކަންދިމާކުރި ގޮތުން އަޅުގަނޑަށް ވަރަށް ގިނަ ދުވަހު ގާސިމާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބުނު. 17 ވަނަ މަޖިލީސް އެކީގައި މިމަސައްކަތް ކުރެވުނީ ގާސިމާއެކު. ވަރަށް ގިނަ ކޮމިޓީ ތަކުގައި ވެސް ގާސިމާއެކު ވަރަށް ގިނަ މަސައްކަތް ކުރެއްވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އަދި އޭގެ އިތުރުން މިހާރު މިއޮތް ގާނޫނު އަސާސީ ނިންމުމުގެ މަރުހަލާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ގާސިމް އަދާކުރެއްވި ދައުރު އަޅުގަނޑު ވަރަށް ގާތުން ދުށިން. އެހެންވީމާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ހަމަ ވަރަށް ރަގަޅު ބޭފުޅެއް އިގޭތޯ ގާސިމް އެއީ. އަމިއްލަ ތަޖުރިބާ އިން އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތް އަޅުގަނޑު މިދެންނެވީ،" މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކަމުދަނީ ކީއްވެތޯ ދެންނެވުމުން އިބޫ ދެއްވީ މި ޖަވާބެވެ.
އިބޫ ވިދާޅުވީ މިއަދުގެ ސަރުކާރަކީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ކޯލިޝަން ސަރުކާރަކަށް ވާތީ ކޯލިޝަނުން މަޖިލީހުގެ ރައީސް ކަމަށް ނެރުއްވަން ވާނީ އެއް ކެންޑިޑޭޓް ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށެވެ. އަދި ކޯލިޝަންގެ ތެރޭގައި މަޝްވަރާކުރެއްވުމަށްފަހު ނެރުއްވާނީ އެއް ކެންޑިޑޭޓް ކަމަށް ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނިކޮށް ކޯލިޝަނުން އެހެން ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ގާސިމް ނިކުންނަވާ ނަމަ ކޯލިޝަންގެ ތެރެއިން އިތުރު ބޭފުޅަކު ނިކުންނަވާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެއަށްވުރެ މާ ބަދަހި ގުޅުމެއް ކޯލިޝަންގައި އޮއްވާ އަޅުގަނޑަށް މިފެނުނީ،" އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހަވާލުވެވަޑައިގަތުމަކީ ތާއީދުކުރައްވާ ކަމެއް ކަމަށް އެމްޑީޕީން ބުނެފައިވާއިރު، އެމްޑީއޭގެ ނައިބް ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުއާއި ޕީޕީއެމްގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް ވަނީ ގާސިމް އިބްރާހީމަކީ އެމަގާމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށް ވިދާޅުވެ ގާސިމަށް ތާއީދުކުރައްވާފަ އެވެ.
ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ ކޯލީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނިކޮށް ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުރުވެރިކަން ފާޅުކުރެއްވިފަހުން ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން ވެސް ރޭ ވިދާޅުވީ މަޖިލީހުގެ ރައީސް ކަން އެ ޕާޓީން ބޭނުންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާ ގާސިމް ހަވާލުވާން ތާއީދުކުރަން: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ