ފެލިދޫ ދާއިރާގެ އިންތިހާބީ މައްސަލަ ހައިކޯޓުން ޝެޑިއުލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ އިންތިހާބާ ބެހޭ ގޮތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ، އެމައްސަލައިގެ ފުރަތަމަ އަޑުއެހުން ޝެޑިއުލްކޮށްފައިވާ ކަމަށް ހައި ކޯޓުން ބުނެފި އެވެ.
ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިއަދު ވިދާޅުވީ އެމައްސަލަ މާދަމާއަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.
ފެލިދޫ ދާއިރާގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ތޯރިގު ޒުހައިރު އެވެ. ޒުހައިރުއަށް ލިބިވަޑައިގެންނެވީ 381 ވޯޓެވެ. އޭނާއާ ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު މަރުޒޫގު އިންތިހާބު ކާމިޔާބު ކުރެއްވީ 26 ވޯޓުގެ ތަފާތުންނެވެ. މަރުޒޫގަށް ލިބިވަޑައިގެންނެވީ 407 ވޯޓެވެ. އަމިއްލަގޮތުން ވާދަކުރެއްވި މޫސާ ރަމީޒަށް ލިބިވަޑައިގެންނެވީ 19 ވޯޓެވެ.
ފެލިދޫ ދާއިރާގެ މައްސަލާގައި ހިމެނެނީ ވ. ފެލިދޫގައި ހުރި އިލެކްޝަންސް ކޮމިޝަންގެ ވޯޓު ފޮށީގެ ވެރިޔާ ރިޝްވަތު ނެނގި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކެއްގެ އިތުރުން ވޯޓު ލަމުން ދިޔައިރު، ކެމްޕެއިންކޮށް ރިޝްވަތުދީ ވޯޓު ގަނެފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތަކެކެވެ.
އިންތިހާބާ ބެހޭ މައްސަލަތައް ހައި ކޯޓަށް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 15 ދާއިރާއެއްގެ އިންތިހާބީ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވެ އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި އެންމެ ގިނަ އިންތިހާބީ ޝަކުވާ ހުށަހެޅުނު ފަހަރު ކަމަށް ކޯޓުން ބުނެ އެވެ.
އާއްމު އިންތިހާބުތަކުގެ ގާނޫނު ބުނާ ގޮތުން އިންތިހާބީ ޝަކުވާގެ ފަހު ބަސް ބުނާ ތަނަކީ ހައި ކޯޓެވެ. ދާއިމީ ނަތީޖާ އާއްމުކުރާ ފަހުން ހުށަހެޅޭ ޝަކުވާތަކުގެ މައްސަލަތައް ދާއިމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށް އާއްމު އިންތިހާބުތަކުގެ ގާނޫނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ