ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރުގެ މައްޗަށް އުފުލި އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއަށް އެމަނިކުފާނު މިއަދު ކޯޓްގައި އިންކާރު ކުރައްވައިފި އެވެ.
މިއަދު 10:00 ޖެހި އިރު ފެށި ޝަރީއަތަށް އުމަރު ވަޑައިގަތުމުން ކޯޓުގައި އިއްވި ދައުވާއަށް އުމަރު ނަސީރު އިންކާރު ކުރެއްވުމާއެކު އޭނާގެ ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވީ ޝަރީއަތަށް އުމަރު ވަޑައިގެންނެވީ ވެސް ރަސްމީކޮށް ޝަރީއަތް ބާއްވާކަން އެނގިވަޑައިގެން ނޫން ކަމަށާއި ދައުވާގެ ޝަރީއަތެއް ތާވަލުކަން އެނގުނީ ވެސް މިޑިއާގައި އިއްޔެ އެވާހަކަ ފެންމަތި ވުމުން ކަމަށެވެ.
މީގެ އިތުރުން މުހައްމަދު އިބްރާހިމް ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ދައުވާއާ ގުޅުންހުރި ލިޔުންތައް ބޭނުންވާ ކަމަށެވެ.
އުމަރުގެ މައްޗަށް މިއަދު ކުރި ދައުވާގައި ބުނަނީ ޖެނުއަރީ 23، 2012 ގައި އެމްއެމްއޭ ކައިރީގައި މުޒާހަރާ ކުރި މީހުނާ މުހާތަބުކޮށް މުޒާހަރާގެ ހަރަކާތްތައް ބަދަލުކޮށްލުމަށާއި އެގޮތަށް ހަރަކާތްތައް ބަދަލުކޮށްލުމުން އެ ހަރަކާތްތައް ރައީސް އޮފީސް ކައިރީގަ އާއި ރައީސް އޮފީހަށް ބޭރުގެ ޑިޕްލޮމޭޓުން ދާ ގަޑީގަ އާއި އދ. މަންދޫބަކު އެއާޕޯޓަށް ފައިބައި ގަޑީގަ އާއި އދ. އޮފީސް ކައިރީގަ އާއި އެމްއެންބީސީ ކައިރީގައި ކުއްލިކުއްލިއަށް ހިނގާނެ ކަމަށް އުމަރު ވިދާޅިވެފައިވާ ކަމަށެވެ.
އަދި އެގޮތަށް ކަންތައްކޮށް ސިފައިންނަށް ދަތި ކުރުމަށާއި އެ ހަރަކާތަށް ބޭނުން ވަނީ 2000 ވޮލަންޓިއަރުން ކަމަށް ވިދާޅުވި އިރު އެ 2000 މީހުން ވަކި އިންތިޒާމެއްގެ ދަށުން އެ ހަރަކާތް ހިންގައި ދިވެހި ސިފައިން ވަރުބަލި ކުރުމަށްފަހު 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަންނާނީ ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެ ރާއްޖޭގެ އަމަންއަމާން ކަމަށް ގެއްލުން ލިބިދާނެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އުމަރުގެ މައްޗަށް އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެކެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ދެވޭ އަދަބަކީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
ދައުވާއަށް އުމަރު ނަސީރު އިންކާރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ