އަންނަ އަހަރުގެ ބަޖެޓުގައި ރައްޔިތުން ތަފާތުކޮށްފައި އެބަހުރި: ގާސިމް

މިއަންނަ އަހަރުގެ ބަޖެޓަކީ އިންސާފުން އެއްކިބާވެފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓުގައި މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާއި ބާރުކަނޑުވާލަން މަސައްކަތް ކޮށްލާފައިވާ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު ބަޖެޓު ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމުގަ އެވެ. ގާސިމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި ތަފާތު ކުރުންތައް ގެންގުޅެފައި އެބަހުރި ކަމަށާއި އެއީ ރައްޔިތުންނަށް "އަނިޔާވެރިވުން" ކަމަށެވެ.
ބަޖެޓު ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ ހިޔާލު ތަފާތުވެ ދޭތެރެ ދޭތެރެއިން ކޮމިޓީން ހޫނުކޮށް ގޮސްފައިވެ އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ބަޖެޓު ދިރާސާކުރުމުގައި ކޮމިޓީ އަށް އާންމުކޮށް ހާޒިރުކުރަމުންދާ ދައުލަތުގެ މުއައްސަސާތައް ހާޒިރުނުކުރުމަށް ހުށަހަޅާފަ އެވެ. އޭގެ ބަދަލުގައި ބަޖެޓަކީ އެ އޮފީހަށް އެކަށީގެންވާ ބަޖެޓެއްތޯ ޔަގީންކުރުމަށް ސިޓީގެ ޒަރީއާއިން މުއާމަލާތްކޮށް ނިންމާލުމަށް ރިޔާޒު ހުށަހެޅުއްވި އެވެ. ސިޓީގެ ޒަރީއާއިން މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ މިހާރު ތާވަލްކުރެވިފައިވާ ގޮތަށް ބަޖެޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ހުށަހެޅުއްވުމަށް ކޮމިޓީގައި ތިއްބެވި ޕީޕީއެމް އާއި އެމްޑީއޭ ބޭފުޅުން ވަނީ ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ކޮމިޓީ މެންބަރުން އަމިއްލަފުޅަށް ވެސް ބަޖެޓު ދިރާސާކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީއޭ އަށް ނިސްބަތްވެެވަޑައިގަންނަވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ ބަޖެޓު ދިރާސާކުރުމުގައި ހުރިހާ ބޭފުޅުންވެސް ގައުމީ ވިސްނުން އިސްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވީ އަންނަ އަހަރަށް ފިނޭންސުން އެކުލަވާލާފައިވާ ބަޖެޓަކީ ވަރަށްވެސް އިންސާފުވެރި ބަޖެޓެއް ކަމަށެވެ.
ރައްދުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެމްޑީޕީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އާންމު އުސޫލުން ކޮމިޓީއަަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށްގެން ބަޖެޓުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ޣަފޫރުގެ ވާހަކަފުޅަށް ތާއީދުކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ބަޖެޓަކީ ކޮންމެ އިދާރާގެ އެ އަހަރެއްގެ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށާއި އޭރުން އެކަންކަމާއި މެދު ސުވާލުކުރުމަށް މެންބަރުންނަށް ފުރުސަތު ލިބޭ ކަމަށެވެ.
އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ކޮމިޓީ ބައްދަލުވުމުގައި ބަޖެޓަށާއި ކޮމިޓީގައި ތިއްބަވާ ޕީޕީއެމްގެ މެންބަރުންނަށް ފާޑުވިދާޅުވެފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީ ވަކި އަތަކަށްޖެހި، ޕީޕީއެމަށް ތާއީދުކުރާ ދާއިރާތަކަށް ފައިދާވާގޮތަށް އެއްބައި ރައްޔިތުން ނިކަމެތިވާ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް ޝަރީފް ތުހުމަތުކުރެއްވި އެވެ. އަދި މިއީ އިންސާފުން އެއްކިބާވެފައިވާ ބަޖެޓެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ހުށަހަޅަންޖެހޭ މާލީ ބައެއް ހިސާބުތަކާއި ބަޖެޓުގެ ހާލަތު އަންގައިދޭ ރިޕޯޓް ފޮނުވާފައި ނެތް ކަމަށާއި އެ ދެ ރިޕޯޓު ނެތި ބަޖެޓުގެ މަސައްކަތް ނުފެށޭނެ ކަމަށެވެ.
ޖޭޕީގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ ބަޖެޓު ކަނޑައަޅާފައިވަނީ އާބާދީ އާއި ކައުންސިލްގެ މަސައްކަތްތަކަށް ބަލާފައި ނޫން ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ނިންމުމަށް ހަމަޖެހިފައި ވަނީ މި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ