އިންޑިއާ އާއި ރާއްޖޭގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރައްވަން އެމަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން މަސައްކަތް ނުކުރެއްވިޔަަސް މިހާރު އޮތް ސަރުކާރަކީ އެކަމުގެ ގާބިލިއްޔަތު ހުރި ސަރުކާރެއް ކަމަށް ޕީޕީއެމްގެ ރައީސް އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި އެކު ބޭސް ފަރުވާ އަކަށް މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ މިހާރު އޮތް ސަރުކާރަށް އެކަން ކުރެއްވޭނެ ކަމަށާއި އަދި ރައީސް ވަހީދަކީ ވެސް އެންމެން ގަދަރު ކުރާ ހަރުދަނާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ވަހީދު އެކަން ކުރައްވާނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އިންޑިއާ އާ ރާއްޖޭގެ ގުޅުން ރަނގަޅު ކުރަން ވަކި މަސައްކަތެއް ކުރާކަށް އަޅުގަނޑު ގަސްތެއް ނުކުރަން. އަޅުގަނޑަކީ ސަރުކާރުގެ މީހެއް ނޫން. އަޅުގަނޑަކީ ރާއްޖޭގައި އޮތް ސިޔާސީ ޕާޓީ އެއްގެ ރައީސް. އެހެންވީމަ އަޅުގަނޑުމެންގެ ސިޔާސީ ޕާޓީން ކޮންމެހެން މިވަގުތު ކަންތައް ތަކެއް ކުރާކަށް ނުޖެހެ. އަޅުގަނޑު ދެކޭ ގޮތުގައި މިހާރުގެ ސަރުކާރަކީ އެކަން ކުރެއްވޭ ވަރުގެ ގާބިލިއްޔަތު ހުރި ސަރުކާރެއް. ރައީސުލްޖުމްހޫރިއްޔާ އަކީވެސް އަޅުގަނޑުމެން އެންމެން ގަދަރު ކުރާ ގާބިލް ބޭފުޅެއް،" މައުމޫން ވިދާޅުވި އެވެ.
އިންޑިއާ ރާއްޖޭގެ ގުޅުމަށް ނުތަނަވަސްކަން މެދުވެރިވެފައިވަނީ ކޮން ފަރާތެއްގެ އިހްމާލުން ތޯ "ސަން" އިން ސުވާލު ކުރުމުން މައުމޫން ވިދާޅުވީ އެ މައްސަލާގައި އެއްވެސް ފަރާތެއްގެ ނުވަތަ އެއްވެސް މީހެއްގެ އިހްމާލެއް ވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ އެއްވެސް މީހަކު ކުރި ކަމަކުން ދިމާވި ކަމެއް ކަމަށްވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައުމު ތަކުގެ މެދުގައި އޮންނަ ގުޅުންތަށް ތަރައްގީވެ ހިނގަމުން ދާނީ އަބަދު އެއް ގޮތަކަށް ނޫން ކަމަށާއި، ތަފާތު ޚިޔާލު ތަށް ފާޅު ކުރެވި އެކި ގޮތް ގޮތަށް ކަންތަށް ހިނގާނެ ކަމަށެވެ.
"މީގައި ވަކި ފަރާތެއްގެ އިހްމާލެއް ނުވަތަ ވަކި ފަރާތެއް ކުރި ކަމެއް ވާ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ. ގައުމު ތަކުގެ މެދުގައި އޮންނަ ގުޅުން ތަރައްގީވެ ހިނަގަމުން ދާނީ އަބަދު އެއް ގޮތަކަށް ނޫން. ތަފާތު ސިފަސިފާގައި ކަންތައް ހިނގާނެ. ތަފާތު ޚިޔާލުތަށް ފާޅު ކުރެވޭނެ. އެއްގައުމަކުން ހިނގާ ކަމަކާއި ބެހޭ ގޮތުން އެހެން ގައުމަކުން ކޮންމެވެސް އެއްޗެއް ބުނެވެސް ފާނެ. އަޅުގަނޑުމެންވެސް ބުނަމު ދެއްތޯ. އަޅުގަނޑުމެން ފަލަސްތީނު މައްސަލާގައި ވާހަކަ ދައްކަމުން މި ގެންދިޔައީ. އިޒްރޭލުން ކުރާ ކަންތައްތައްވެސް ކުއްވެރި ކުރަން ދެއްތޯ،" މައުމޫން ވިދާޅުވި އެވެ.
ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަންގައި ހުންނެވި މައްސަލަ އާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ވެސް ރާއްޖޭގެ ރައީސް ކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށާއި، އެ ހައިސިއްޔަތުން ނަޝީދަށް އަރުވަން ޖެހޭ ގަދަރާއި އިއްޒަތް އަޅުގަނޑުމެން އަރުވަން ޖެހޭނެ ކަމަށެވެ. އަދި ހަމަ އެއާއި އެކު ރާއްޖޭގެ ޝަރުއުގެ ހުކުމް ވެސް ހިނގަން ޖެހޭނެ ކަމަށެވެ.
ރައީސް މައުމޫން މާލެ ވަޑައިގެން ރަސްމީ ފާލަމަށް ފައިބާ ވަޑައިގަތުން އެމަނިކުފާނަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާ ދެންނެވުމަށްޓަކައި އެ ސަރަހައްދަށް ޖަމާވެފައެވެ.
މިހާރުގެ ސަރުކާރަކީ އިންޑިޔާއާ ގުޅުން ރަނގަޅުކުރުމުގެ ގާބިލިއްޔަތު ހުރި ސަރުކާރެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ