ނުވަ މީޓަރަށް ވުރެ ކުދި ކަނޑު އުޅަނދު ފަހަރުގެ ޖޫރިމަނާ މައާފްކޮށްފި

ނުވަ މީޓަރަށްވުރެ ކުދި ކަނޑު އުޅަނދު ފަހަރުގެ ޖޫރިމަނާ މައާފްކޮށް ނުވަ މީޓަރަށްވުރެ ކުދި އުޅަނދުތަކުގެ ފީ ދައްކަން ނުޖެހޭގޮތަށް ރައީސް ނިންމަވައިފިއެވެ.
މީކަން ހާމަކޮށް އިކޮނަމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކަނޑު އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އަހަރީ ފީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހޭ ގޮތަށް ރަޖިސްޓްރީ ކުރުމުގެ ސަބަބުން ރައްޔިތުންނަަށް ދަތިތައް ކުރިމަތިވަމުން ދާ ކަމަށެވެ.
އެގޮތުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުން ކުރުމަށް ރަޖިސްޓްރީ ކުރެވޭ ލޯކަލް އުޅަނދު ފަހަރުގެ ތެރެއިން ނުވަ މީޓަރަށްވުރެ ކުދި ބޮއްކުރާ، ޑިންގީ އަދި ކުދި ދޯނި ފަހަރު އަހަރީ ފީ ދެއްކުމުން އިސްތިސްނާ ކުރެވޭގޮތަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި ކަނޑުގެ އުޅަނދުތަކުން އަހަރީ ފީ ނުދެއްކިގެން މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވާ ފައިސާއާ އެކި ސަބަބުތަކާހުރެ ގެއްލިފައިވާ ނުވަތަ ނެތިގެން ގޮސްފައިވާ ބޮއްކުރާ، ކުދި ދޯނި އަދި ބޮޑެތި އުޅަނދުގެ ރަޖިސްޓްރީ ބާތިލް ނުކުރެވި ދިއުމުން ދައްކަން ޖެހިފައިވާ ޖޫރިމަނާވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މައާފްކޮށްދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ