ޖީއެމްއާރު އެއާޕޯޓާ ގުޅޭގޮތުން ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއް: ގާސިމް

ޖީއެމްއާރު އަތުން ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓް ނެގުމަށް ގާސިމް އިބްރާހީމާއި ތަސްމީން އެއްބަސްވެވަޑައިނުގަތް ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ އަލިމަސް ކާނިވަލުގައި ދެއްކެވި ވާހަކަފުޅު ގާސިމް މިއަދު ދޮގުކުރައްވައިފިއެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ޖޭޕީގެ ލީޑަރ، ގާސިމް އިބްރާހިމް ވިދާޅުވީ އެއާޕޯޓު އަތުލަން ގާސިމް ދެކޮޅު ހެއްދެވި ކަމަށް ވިދާޅުވެ ރައީސް ޔާމީން ހައްދަވާފައިވަނީ ބޮޑު ދޮގެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފައިވެސް ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ބޮޑު އަގެއް ދައްކަން ޖެހޭނަމަ ގާސިމް އަށް އަތުލަން ނުފެންނަ ކަމަށް ރައީސް ޔާމީން އެ ވިދާޅުވީ، ހެދި ބޮޑު ދޮގެއް. ރައީސް އޮފީހުގައި އޮތް އެ ޖަލްސާ ނުފެށެނީސް ޔާމީން ނިކުމެގެން ދިޔައީ އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުޑަކޮށް ލަސްވުމުން. ގާސިމާއި އިމްރާން، އަދި އޭރުގެ ރައީސް ވަހީދާއި ތަސްމީން (އެއާޕޯޓު) ނަގަން ނިންމީ."
ރައީސް ޔާމީން ރޭ އަލިމަސް ކާނިވަލުގައި ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭރު ސަރުކާރު ކޯލިޝަނުގައި ތިއްބެވި ތަސްމީނާއި ގާސިމް ވަނީ އެއާޕޯޓު ޖީއެމްއާރު އަތުން އަތުލުމަށް ދެކޮޅު ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ ޖީއެމްއާރަށް އެއާޕޯޓު ދިނުމުގައި ރައީސް ނަޝީދު ޚިޔާނާތްތެރިވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއާޕޯޓު އަތުލަން ޖެހުމުން ދައުލަތް ދަރާފައިވާ ކަމަށާއި އެދަރަނި ދެއްކީވެސް މިސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ