ވިޔަފާރިތަކަށް ފައިދާވާ ގޮތަށް ކަރަންޓުގެ އަގު ހެޔޮ ކުރާނަން: އިބޫ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުން ނުވާ ވަރަށް ކަރަންޓުގެ އަގު ހެޔޮ ކުރައްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ. މިއަދު ލ. ފޮނަދޫއަށް ވަޑައިގެން އެރަށުގައި އިދިކޮޅުގެ ޖަގަހައެއް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، މާލެއާ އެއް ވަރަކަށް އަތޮޅުތެރޭގެ ކަރަންޓުގެ އަގު ހެޔޮ ކުރި ފަހުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފީ ބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭ ފައިދާ މިހާރު ވަނީ މަދުވާން ފަށައިފައެވެ. "އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ކަރަންޓުގެ އަގަށް ހެޔޮ ރަނގަޅު ބަދަލެއް ގެނެސް ކުދި ވިޔަފާރިތަކާ މެދު ފަންތީގެ ވިޔަފާރިތަކަށް ކަރަންޓުގެ ބިލް އެއީ ބުރައަކަށް ނުވާ ވަރަށް އަޅުގަނޑުމެން އެކަން ކޮށްދޭނަން." އިބޫ ވިދާޅުވިއެވެ. ލ. ފޮނަދޫގައި އިބޫ ޖަގަހައެއް ހުޅުއްވައިދެއްވަނީ-- ފޮޓޯ: އެމްޑީޕީ މީގެ އިތުރުން އިބޫ ވިދާޅުވީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމްގެ ދާއިރާ އިތުރަށް ކުރިއަރުވަން ކުރަން ޖެހޭ އިތުރު މަސައްކަތްތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން އެތެރޭގެ ދަތުރުތަކުގެ އަގުބޮޑުކަމުން ދަތުރުކުރަން އުނދަގޫވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އެތެރޭގެ ދަތުތަކުގެ އަގު ބޮޑުތަނުން ހެޔޮ ކުރާނެ ކަމުގެ ވައުދު މީގެ ކުރިން އިބޫ ވަނީ ވެވަޑައިގެންފައެވެ. ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު އިބޫ ވަނީ ގަމަށް ވެސް ވަޑައިގެންފައެވެ. އެރަށުގައި އޭނާ ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާއިރު، އިންޑިއާ ކަނޑުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ