ޕީޕީއެމްއާ ގުޅުނީ ދާއިރާގެ ތަރައްގީއަށް ފުރުސަތު ފަހިކުރަން، އެކަމަކު ރައީސްގެ އެއްވެސް ވައުދެއް ނުފުއްދަވާ: މުސްތަފާ

އެމްޑީޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު ދާއިރާގެ ތަރައްގީއަށް ފުރުސަތުތައް ފަހިކުރެއްވުމަށް ކަމަށާއި، ނަމަވެސް ރައީސް ޔާމީން ވެވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދަވައި ނުދެއްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހަންމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިހާދުން ތ. ތިމަރަފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ، ޕީޕީއެމާ ގުޅިވަޑައިގަތީ، ދާއިރާގެ ތަރައްގީއަށް ހިންގަން ބޭނުންވާ މަޝްރޫއުތައް ހިމެނޭ ލިސްޓެއް ހުށަހަޅައި ރައީސް ޔާމީނާއެކު ރައީސް އޮފީހުގައި އެއްބަސްވުމެއްގައި ސޮއި ކުރައްވައިގެން ކަމަށެވެ.
އެގޮތުން ތިމަރަފުށީ ދާއިރާގަ 67 މަޝްރޫއެއް އަދި ވޭމަންޑޫގައި 9 މަޝްރޫއެއް ހިންގަން ލިސްޓްކޮށް، އެއްބަސްވުމުގައި ހިމަނާފައިވާނެ ކަމަށާއި، ނަމަވެސް، ވޭމަންޑޫ ސްކޫލްގައި ދެ ކްލާސްރޫމް އެޅުމުގެ އިތުރުން، ތިމަރަފުށީ ބަނދަރުގެ ބޭރުތޮށި ޖަހަން ބޮޑުހިލަ ގެނައުން ފިޔަވައި އިތުރު އެއްވެސް ކަމެއް މިހާތަނަށްވެސް ކޮށްދެއްވާފައި ނުވާކަމަށް މުސްތަފާ ވިދާޅުވިއެވެ.
ނުވިތާކަށް، ދާއިރާގެ ރައްޔިތުންގެ ހައްގުގައި ބަހެއްބުނާނެ ފުރުސަތުނުދޭތާ އަހަރެއްވެއްޖެ ކަމަށާއި، އެ ފުރުސަތުވެސް ނުދެއްވަނީ އޭނާގެ ވާހަކަތައް އަޑުއަހައި އެހެންމީހުން ހިތްގޯސްވެދާނެތީ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
މެމްބަރު މުހަންމަދު މުސްތަފާ ވިދާޅުވީ، ރައީސް ޔާމީނަކީ ރާއްޖޭގެ ރައްޔިތުންނަށް މަންފާއެއް އެދިގެން އުޅުއްވާ ބޭފުޅެއް ނޫންކަމަށާއި، ރަށްރަށުގެ ތަރައްގީއޭ ކިޔައި ސަރުކާރުން އޮޅުވާލަނީ ކަމަށާއި މިރާއްޖެއަށް އެއްވެސް ތަރައްގީއެއް ނުގެނެވޭ ކަމަށެވެ.
ރައްޔިތުން ބޭނުންވަނީ އަސާސީ ޚިދުމަތްތަކާއި، ރަށުގައި ތިބެގެން އާމްދަނީ ލިބޭނެގޮތްވުން ކަމަށާއި، ތިމަރަފުށީގެ ގިނަ ރައްޔިތުންވެސް ހިޖުރަކޮށްފައިވަނީ ރަށުގައި ދިރިއުޅެވޭނެ ގޮތެއް ނެތިގެން ކަމަށް ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ތިމަރަފުށިން ރައީސް ޔާމީނަށް އެންމެ ވޯޓެއްވެސް ލިބުނަ ނުދެއްވާނެ ކަމަށާއި، އެކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހްއަށް ތިމަރަފުށިން %90 އަށްވުރެ މަތިން ވޯޓް ހޯއްދަވައި ދެއްވާނެ ކަމަށްވެސް ވައުދުވެވަޑައި ގެންނެވިއެވެ.
މުހަންމަދު މުސްތަފާ ވިދާޅުވީ، އިބްރާހިމް މުހަންމަދު ސޯލިހްއަކީ ސޯލިހެއް ކަމަށާއި، އެއީ ތެދުވެރި ބޭފުޅެއް ކަމަށާއި، ނުހައްގު މީހަކަށް އަދަބެއް ދެއްވާނެ ބޭފުޅެއްވެސް ނޫންކަމަށެވެ. އަދި އިބޫއަކީ ގާނޫނުއަސާސީ "އޮޅާލައްވާނެ" ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ