ޗީފް ޕްރޮސެކިއުޓަރ މަގާމަށް އައްޔަންކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް: ދެކުނު އެފްރިކާ ސުޕްރީމް ކޯޓު

ދެކުނު އެފްރިކާ ދައުލަތުގެ މިހާރުގެ ޗީފް ޕްރޮސެކިއުޓަރ، މަގާމަށް އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ޗީފް ޕްރޮސެކިއުޓަރ ނުވަތަ ނޭޝަނަލް ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސެކިއުޝަންގެ މަގާމުގައި މިހާރު ހުންނެވި ޝައުން އަބްރަހަމްސް މަގާމަށް އައްޔަން ކުރައްވާފައިވަނީ، ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާއެވެ.
ޒޫމާ، އެ މަގާމަށް ޝައުން އަބްރަހަމްސް އައްޔަން ކުރެއްވީ، ކުރިން އެމަގާމުގައި ހުންނެވި އެމްޒޯލިސީ އެންޒަސާނާ މަގާމުން ދުކުރެއްވުމަށްފަހު 2015 ވަނަ އަހަރުއެވެ.
މިމައްސަލަ ބެލުމަށްފަހު، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ކުރީގެ ރައީސް ޒޫމާ އެކަން ކުރައްވާފައިވަނީ ޣައިރުގާނޫނީ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން، އެ ނިންމެވުމަކީ ސައްހަ ނިންމެވުމެއް ނޫންކަމަށެވެ.
"އެޑްވޮކޭޓް ޝައުން އަބްރަހަމްސްއަކީ (ރައީސް ޒޫމާ) މަގާމުގެ ނާޖާއިޒް ފައިދާ ނެންގެވުމުން އޭގެ މަންފާ ލިބިވަޑައިގެންނެވި ބޭފުޅެއް. އެކަމުގައި ޝައުން ބައިވެރިވެވަޑައިގަތްތޯ އެއީ ބަލަންޖެހޭ ކަމެއްނޫން" ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެމްބުއިސީނީ މަޑްލަންގާ އިއްވެވި ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
ސުޕްރީމް ކޯޓުގެ މިހުކުމުގެ ސަބަބުން، ކުރީގެ ރައީސް ޖެކޮބް ޒޫމާ ހިންގަވާފައިވާ ވެރިކަމުގެ ގާނޫނާ ޚިލާފް ކަންތައްތަކުގެ ރެކޯޑަށް އަނެއްކާވެސް ކަމެއް އިތުރުވެގެންދިޔައީއެވެ.
އަދި ކޯޓުގެ މިހުކުމުގެ ސަބަބުން، ޒޫމާއަށްފަހު ވެރިކަމަށް ވަޑައިގެންނެވި ސައިރިލް ރާމަފޯސާ، ޒޫމާގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހްގީގު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދިޔައީއެވެ. ރާމަފޯސާވަނީ ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ފޮހެލައްވާނެ ކަމަށް ވައުދުވެވަޑައި ގެންފައެވެ.
ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ފެންމަތިވެ، ވެރިކަންކުރާ އޭއެންސީ ޕާޓީއާއި، ދެކުނު އެފްރިކާގެ އާންމުންގެ ދެކޮޅުވެރިކަން ކުރިމަތިވެވަޑައި ގެންނެވުމުން، އުމުރުފުޅުން 76 އަހަރުގެ ޖެކޮބް ޒޫމާ މަޖުބޫރުވެވަޑައިގެން ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.
ޒޫމާ ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން ހިންގަވާފައިވާ ހަތިޔާރުގެ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅުންހުރި ކޮރަޕްޝަންގެ 16 މައްސަލައެއްގެ ދައުވާ މިހާތަނަށް އޭނާއާ ދެކޮޅަށް އުފުލިފައިވާއިރު، މިމައްސަލަތަކުގެ ޝަރީއަތް މިއަހަރުގެ ފަހުކޮޅު ފަށާނެކަމަށް ބެލެވޭ ކަމަށް މީޑިއާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ