މިސްރުގައި ބަޣާވާތުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރި މީޙުން ހަތިޔާރު ގެންގުޅުނު ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިސްރުން ކިޔަވައިގެން ތިބި މީހުންނާއި މިހާރު ވެސް މިސްރުގައި ކިޔަވާ ކުދިންތަކަކާއި ބައްދަލުކުރެއްވުމަށް މިރޭ ނަސަންދުރާ ޕެލެސް ހޮޓަލުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެއްވެ ތިބި މީޙުން ސާޅީހަށް ވުރެ ގިނަ ދުވަސްވަންދެން އެ ސަރަހައްދު ހިސޯރުކޮށްގެން ތިބުމުން އިންޒާރުތައްދީ އެތަން ހުސްކުރުވާފައި ބެލިއިރު އެތާންގައި ވަރަށް ނުރައްކާތެރި ހަތިޔާރު ހުރިކަން ބައެއް މީހުންނަށް ފޯނުން ގުޅުއްވައިގެން މައުލޫމާތު އެނގިވަޑައިގެންނެވި ކަމަށެވެ.
"އެމީހުން ފަހުން، ސިފައިންނާ ފުލުހުން ވަރަށް ގިނަ އިންޒާރުތަކެއް ދިނުމަށް ފަހު، އެތަން ހުސްނުކުރީމައި، ގަދަކަމުން ހުސްކުރުވާފައި ބެލި އިރު އެތާންގައި ހުރި ވަރަށް ގިނަ އަދަދަކަށް ވަރަށް ނުރައްކާތެރި ހަތިޔާރު އެއްކޮށްފައި، އޭގެ ތެރޭގައި އެކި ސައިޒުގެ ބަޑިއާއި ބޮމާއި، މިކަހަލަ އެއްޗެހި ހުރި، އަދި މަތިންދާ ބޯޓަށް ޖަހާ ކަހަލަ ބޮން، އެންޓި އެއާކްރާފްޓް ހަތިޔާރު ވެސް އެތާގައި ހުރި ކަމަށް ވަނީ،" ނަސްރު ސިޓީގައި މިސްރުގެ ބަޣާވާތުގެ ސަރުކާޜުން ހިންގި ގަތުލުއާންމަށް އިޝާރާތްކުރައްވާ މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެކަމުގެ އަޑީގައި ތިބީ އަރަބި ބައެއް ގައުމުތަކުގެ ހައްދުފަހަނައަޅާފައިވާ މީޙުން ކަމަށާއި އެއީ މިސްރުގެ އެތެރޭގެ އެކަނި ކަމެއް ނޫން ކަމަށެވެ.
"އެއީ ބޭރުގެ ފަރާތްތަކުން އެ ގައުމަށް އަތް ބާނައިގެން މިސްރުގެ ރައްޔިތުންނަށް ހިތްދަތި ގޮތްތަކެއް ކުރިމަތިކުރަން ކުރާކަމެއް. މި ދަޑިވަޅުގައި އަޅުގަނޑުމެންގެ ދުއާ އަކަށް ވާން ޖެހޭނީ މިސްރަށް މާތް ﷲ ހެޔޮ ގޮތްތައް މިންވަރު ކުރެއްވުން. އަދި އެގައުމުގެ ރައްޔިތުންނަށް ސުލްހަ މަސަލަސްކަން މިންވަރު ކުރެއްވުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
މިސްރުގައި ޑިމޮކްރަޓިކް ފުރަތަމަ ވެރިކަން އެގައުމުގެ އަސްކަރިއްޔާއިން ބަޣާވާތަކުން ވައްޓާލުމުން މުރްސީގެ ސަޕޯޓަރުން ކުރަމުންދިޔަ މުޒާހަރާ މިސްރުގެ އަސްކަރިއްޔާއިން ނިކުމެ ރޫޅާލަން ދިން ދަށު ދަރަޖައިގެ ހަމަލާތަކުގައި 600 އަށް ވުރެ ގިނަ މީހުން މަރުވިކަން ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދީފައިވެ އެވެ.
ނަމަވެސް މުސްލިމް ބްރަދަހުޑް އިން ބުނެފައިވަނީ 2600 މީހުން އަސްކަރިއްޔާއިން މަރާލި ކަމަށެވެ. އަދި ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް މިސްރުގެ ސަރުކާރުން ބުނާ އަދަދަށް ވުރެ މަރުވި މީހުންގެ އަދަދު ގިނަ ވާނެ ކަމަށް ބުނެފައިވެ އެވެ.
ރައީސް މައުމޫން މިސްރުގެ ބަޣާވާތުގެ ސަރުކާރަށް ތާއީދުކުރައްވާ މޭރުމަކުން މިރޭ ވާހަކަދެއްކެވިއިރު މީގެކުރިން ސައުދި އަރަބިއްޔާގެ ރަސްގެފާނުވެސް ވަނީ ބަޣާވާތުގެ ސަރުކާރަށް ތާއީދުކޮށް ގަތުލު އާންމު ކުށްވެރިކުރަން ފަސް ޖެހިވަޑައިގަންނަވާފައެވެ.
ނަމަވެސް ދުނިޔޭގެ ހުރިހާ ގައުމެއް ހެން ދަނީ ގަތުލު އާންމު ކުށްވެރިކުރަމުންނެވެ.
މިސްރުގައި މުޒާހަރާކުރި މީހުން ހަތިޔާރު ގެންގުޅުނު - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ