ޖީއެމްއާރުގެ އަތުން އެއަރޕޯޓް އަތުލީ ޕީޕީއެމްގެ ބުރަ މަސައްކަތުން: އަބްދުﷲ ޔާމީން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓުން ޖީއެމްއާރް ފައިބާން ޖެހުނީ ޕީޕީއެމްގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.ޕީޕީއެމްގެ ކޮންގްރެސްއަށް ފަހު ރޭ އާރޓިފިޝަލް ބީޗްގައި އެޕާޓީން އިންތިޒާމް ކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރަތްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީން ވިދާޅުވީ އެއާރޕޯޓްގެ މައްސަލަ ސަރުކާރުން ހައްލު ކޮށްދެއްވީ ޕީޕީއެމްގެ މެންބަރުންގެ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި އެއާރޕޯޓް ހޯދުމަށް ޤައުމީ ހަރަކާތުން މަގުމައްޗަށް ނިކުމެ ހިންގި ހަރަކާތްތައް ސިފަ ކުރައްވަމުން ޔާމީން ވިދާޅުވީ މަރުވެފައިވާ ކުއްތާއެއް މަގުމައްޗަށް ނެރެގެން މަރާލާކަށް އިތުރަށް ތަޅަން ނުޖެހޭ ކަމަށެވެ.“އެކަން ނިމިފައި އޮއްވާ އަޅުގަނޑު ދަންނަވާނީ މަރުވެފައި އޮތް ކުއްތާއެއް މަގުމައްޗަށް ނެރެގެން މަރާލާކަށް، އިތުރަށް ތަޅާކަށް ނުޖެހޭނެއޭ ބުނީމާ އަޅުގަނޑުމެންނަށް ރައްދު އަންނަން ފެށީ. އެކަމަކު އެ ކުއްތާ އޮތީ މަރުވެފައި. އެ މަރާލި ބަޔަކީ ޕީޕީއެމް” އެއަރޕޯޓް ހޯދުމަށް ކުރި މަސައްތަށް ޢިޝާރާތް ކުރައްވާ  އަބްދުﷲ ޔާމީން ވިދާޅު ވިއެވެ.ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ޔާމީން ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ކުދި ޕާޓީތަކުން ޕީޕީއެމް އާއި ގުޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.“އަޅުގަނޑުމެންގެ ޕާޓީއަކީ އެންމެ ވަރުގަދަ ޕާޓީ. މި އިއްތިހާދުގައި އޮތް އެންމެ ވަރުގަދަ ޕާޓީ. ދެން މިއުޅެނީ ސެޓެލައިޓް ޕާޓީތައް. އެހެންވީމާ އަޅުގަނޑުމެންނާ (އެ ޕާޓީތަކުން) ގުޅިވަޑައިގަންނަވާށޭ. އިރުގެ ވަށައިގެންނޭ އެހެން ހުރިހާ ޕްލެނެޓްތަކެއް މި އެނބުރެނީ. އެހެންވީމާ މިކަން ގަބޫލުކުރައްވައިގެން އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމަކީ އަޅުގަނޑުމެންގެ އިލްތިމާސެއް” ޔާމީން ވިދާޅުވި އެވެ.އެއަރޕޯޓް ޖީއެމްއާރުގެ އަތުން އަތުލުމަށް ޤަޢުމީ ހަރަކާތުން ކުރިޔަށް ގެންދިޔަ މަސައްކަތްތަކަށް މީގެ ކުރިންވެސް ޔާމީން ވަނީ ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ