އަބްދުﷲ ރަސްގެފާނުގެ މައްޗަށް ރާއްޖޭގައި ޣައިބުގައި ކަށުނަމާދު ކުރުން މިރޭ އިޝާ ނަމާދަށް ފަހު

ރޭ ދަންވަރުގެ ވަގުތެއްގައި އަވަހާރަވި ސައުދީ އަރަބިއްޔާގެ ރަސްގެފާނުް އަބްދުﷲ ބިން އަބްދުލްޢަޒީޒްގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބުގައި ކަށުނަމާދު ކުރުމަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް މިއަދު ވިދާޅުވީ، އަބްދުﷲ ރަސްގެފާނުގެ މައްޗަށް، މިރޭގެ އިޝާ ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބުގައި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސައުދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވެފައި ވަނީ، މިދިޔަ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޖެހުނު ނިއުމޯނިއާގެ އާލާސްކަންފުޅުގައި، ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ސައުދީ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ ވަލީއަހުދު ސަލްމާން ބިން އަބްދުލްއަޒީޒްއަށް މިއަދު ވަނީ އެޤައުމުގެ ތަޚްތު ލިބިވަޑައިގެންފައެވެ. ކުރީގެ ވަލީއަހުދު އަދި މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ވެސް ޒިޔާރަތް ކުރައްވާފައިވެއެވެ.
ސައުދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވުމާ ގުޅިގެން، މިއަދުން ފެށިގެން ތިން ދުވަސް ވަނެދެން ދިވެހި ޤައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ.
ރަސްގެފާނު އަބްދުﷲ އަވަހާރަވެފައި ވަނީ، އުމުރުފުޅުން 90 އަހަރުފުޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ