މެމްބަރު ލަތީފްގެ އެހީތެރިކަމާއެކު މާޒިޔާއިން ދިއްދޫގައި ކޭމްޕްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދުގެ އެހީތެރިކަމާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ހއ. ދިއްދޫގައި ކޭމްޕް ކުރުމަށް ނިންމައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިއްދީ ދަތުރު ސްޕޮންސަރ ކުރުމަށް އެއްބަސްވުމުގައި ލަތީފް ސޮއިކުރެއްވިއިރު، މާޒިޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކްލަބުގެ ޗެއާމަން އަހްމަދު ސާޖިދެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މާޒިޔާއިން ދިއްދޫގައި ކޭމްޕް ކުރުމަށް ފުރާއިރު، ލަތީފް ވިދާޅުވީ މި ފުރަސަތަކީ ދިއްދޫގެ ޒުވާނުންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"ޕީޕަލްސް ކަޕްގެ ފައިނަލަށް މާޒިޔާ ދަތުރުކުރުމުން އެކަމަށް މަރުހަބާކިޔަން. މި ފުރުސަތުގައި ދިއްދޫގެ ޒުވާނުންނަށް ހުނަރުތަކެއް ދައްކާލެވޭނެ. މިއީ ދިއްދޫއަށް ދެވޭ ހަދިޔާއެއް. ދިއްދޫގެ ރައްޔިތުންގެ ފަރާތުން މާޒިޔާއަށް ވަރުށް ފުރިހަމަ ތަރުހީބެއް ލިބިގެންދާނެ،" ލަތީފް ވިދާޅުވިއެވެ.
މާޒިޔާގެ ކޯޗު ސުޒޭން ބުނީ، މި ދަތުރުގައި ރަނގަޅު ހުނަރުތަކެއް ދައްކާލާ ކުޅުންތެރިންނަށް މާޒިޔާއިން މަރުހަބާ ކިޔާނެ ކަމަށެވެ.
"މި ދަތުރުގައި އެ ރަށްތަކުން ރަނގަޅު ތިން ހަތަރު ކުޅުންތެރިންނެއް ފެންނާނެކަން ޔަގީން. އެ ކުޅުންތެރިންނަށް މާޒިޔާއިން މަރުހަބާ ކިޔައި ފުރުސަތު ދޭނަން،" ސުޒޭން ބުންޏެވެ.
މާޒިޔާގެ މި ދަތުރުގައި ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ދިއްދޫގައި ދެމެޗެއް ކުޅޭނެއެވެ. އަދި ކުޅުދުއްފުށީގައި މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ނޮޅިވަރަމްގައި ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް މާޒިޔާއިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ