ރާއްޖެ ވަރަށް އަވަހަށް ބަނޑަށް ޖެހެނޭ ކަމަށް ގާސިމް ވިދާޅުވެއްޖެ

ރާއްޖެ ވަރަށް އަވަހަށް ބަނޑަށް ޖެހޭނެ ކަމުގެ އިންޒާރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވައިފި އެވެ.
މާލެ އާއި ކައިރި ރަށްރަށުން ގިނަ ބަޔަކު ކ. ދިއްފުށްޓަށް ގެންގޮސްގެން ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ދައުލަތުން މިހާރު ވެސް މުސާރަދެނީ ލޯނު ނަގައިގެން ކަމަށާއި ލޯނު ނަގައިގެން ރިކަރަންޓް ހަރަދުކުރަންޖެހުމުން ރުފިޔާގެ އަގު ވެއްޓި އިންފްލޭޝަން މައްޗަށް ދާނެ ކަމަށެވެ.
އަދި ރާއްޖޭގެ ބޭންކްތަކުގައި ހުރި ހުރިހާ އެއްޗެއް ނެގީ ޓްރެޝަރީ ބިލްތައް ލައިގެން ކަމަށާއި އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ވެސް ލޯނެއް ދޭނެ ކުޑަ އެއްޗެއް ވެސް ނެތް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި މި އަހަރުގެ އޮކްޓޫބަރު އަންނަ އިރު ދައުލަތުގެ މުވައްޒަފުންނަށް މުސާރަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މުޅި ރައްޔިތުންނަށް އެނގިގެން ނަމަވެސް ނޭންގި ނަމަވެސް މިދަނީ މަސައްކަތް ކުރާ މީހުންނަށް މަސައްކަތް ނުކުރެވި، ދޯންޏެއް ދުއްވާ މީހަކަށް އެކަން ނުކުރެވި، ވިޔަފާރި ކުރާ މީހަކަށް އެކަން ނުކުރެވި، އަނެއްކޮޅުން އެއްވެސް މީހަކަށް އެއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ޔަގީން ކަމެއް ނެތި، ބޭންކްތަކުން ދޭކަށް ބޭނުމެއް ނޫން، އެމީހުންގެ ހެޑް އޮފީސްތަކުން ވެސް އަންގަނީ ނުލިބޭނެ އޭ، ދީފަ ހުރި އެއްޗެއް ވެސްވީ އަތުލަން." ގާސިމް ވިދާޅުވި އެވެ.
"ޑެފިސިޓު ބަޖެޓެއް ލައިގެން ހަރަދުކުރަނީ، ދައްކަން ޖެހޭ އިންޓްރެސްޓްތަކާއި އެއްޗިސް ބޭރު ބޭންކްތަކަށް ގެންދަނީ، އަނެއްކޮޅުން މިދެންނެވި ރިކަރަންޓު ޙަރަދު ކޮންމެހެންވެސް ނުކޮށް ނުވާނެ ޙަރަދުތައް ކުރުމަށްޓަކައި، އަޅުގަނޑުމެން ކުރަން ޖެހޭ ޙަރަދު ކުރާއިރު މިދެންނެވި ގޮތަށް ނަތީޖާ ވެގެން ދަނީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދިވެހި ރާއްޖޭގެ އަގު ވައްޓާލުމުގެ ނަތީޖާއަކަށްވީ ބޭރުގެ އިންވެސްޓަރުން ރާއްޖެ ނައުމާއި ރާއްޖޭގައި ހިނގާ އެއްވެސް ޕްރޮޖެކްޓަކަށް ބޭރު ބޭންކްތަކުން ލޯނު ނުދިނުން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ވިދާޅުވީ ފެބްރުއަރީ 7 ގައި ހިނގައިދިޔަ ކަންތައްތަކުގެ އިލްޒާމް އެބޭފުޅާ އާއި ފުލުހުންނާއި ސިފައިންގެ ބޮލުގައި އަޅުވަމުންދަނީ އެމްޑީޕީގެ ހަޔެއްކަ މީހުން ކަމަށާއި އެމްޑީޕީގައި ތިބޭ %99 މީހުންނަކީ ވަރަށް ރަގަޅު ވިސްނުމާއި ވަރަށް ރަގަޅު އުސޫލުތަކުގައި ހިފަހައްޓާ ބައެއް ކަމަށެވެ.
"ފެބްރުއަރީ 7 ގެ މައްސަލައިގައި އަޅުގަނޑުމެން ބޮޑެތި އިލްޒާމްތައް އަޅުވަމުން މިގެންދަނީ، އަޅުގަނޑުމެންގެ ފުލުހުންނާއި ސިފައިން އިންތިހާ ދަރަޖައަށް ބަދުނާމް ކުރަމުން މިގެންދަނީ، ކޮން ހައްގަކާއި ލައިގެންތޯ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި ދުނިޔޭގެ ބައިނަލް އަގުވާމީ ފަރާތްތަކަށް އޮޅުވާލަން، މިކަން ކުރަމުންދާ މީހުންނަކީ 6 އެއްކަ މީހުން، އެމްޑީޕީގައި ތިބޭ ގިނަ މީހުންނަކީ ވަރަށް ރަގަޅު ވިސްނުން، ރަގަޅު އުސޫލުތައް ހިފަހައްޓާ މީހުން، %99 މީހުން." ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ