މޫސުން ރަނގަޅެއްނޫން، ސަމާލުވޭ: ފުލުހުން

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން މިއަދާއި މާދަމާވެސް އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އޭގެ އިތުރުން މިއަދު 15:00 އިން 18:00 އަށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ޔެލޯ އެލާޓް ވަނީ ނެރެފައެވެ.
ފުލުހުން ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް ހަނދާން ކޮށްދީފައެވެ.
ވަކިން ހާއްސަކޮށް މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދީފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށާއި އަދި ކަނޑު ގަދަ ކަމުގައިވާނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮސްފައެވެ. އަދި ލައިފް ޖެކެޓު އަޅުއްވައިގެން ދަތުރު ކުރެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮސްފައެވެ.
އޭގެ އިތުރުން ފުލުހުން ވަނީ މޫސުމަށް އަންނަ ބަދަލާއެކު ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން، ފަޅުގައި އަޅާފައިއޮންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އުޅަނދުފަހަރު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނަގިލި ކަހާލުމާއި ދިޔަވުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.
މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެ ކުރިން އެދަތުރާބެހޭ މައުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ހިއްސާ ކުރެއްވުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރި ވެފައެވެ.
ފުލުހުންގެ އިތުރުން އެމްއެންދީއެފުން ވެސް ވަނީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ގިނަ ހާދިސާތަކެއްގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑިއެފުން ވަނީ އެދިފައެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައި ވާއިރު މިއަދު ހިނގި ކަނޑުމަތީ ހާދިސާއެއްގައި، ޑިންގީ އެއް ބަންޑުން ޖަހާލައިގެން ފަސް މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއެއްގެ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ