ޕީޕީއެމްގައި ދެފަޅިއެއް ނެތް – މައުމޫން

ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީ ދެބައިވެފައިވަނިކޮށް އެޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އެކަން ދޮގު ކުރައްވައިފިއެވެ.
މިރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޕީޕީއެމްގައި ދެފަޅިއެއް ނެތް" ކަމަށެވެ. "އޮތީ ހަމައެކަނި މެންބަރުން އިންތިޚާބު ކުރެއްވި ރައީސް ހުރި ފަޅި" ކަމަށާއި ޕީޕީއެމް އަކީ އެއްލީޑަރެއްގެ ފަހަތުގައި އޮތް އެއް ޕާޓީ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގައި ދެފަޅި ނެތް ކަމަށް ރައީސް މައުމޫން މިވިދާޅުވީ ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުން ތަކާއި ގުޅިގެން މިއަދު ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިތާ އިރުކޮޅެއް ފަހުންނެވެ.
ހދ.ނެއްލައިދޫ ގައި ރައީސް ޔާމީން މިއަދު ވިދާޅުވީ ޑިމޮކްރަސީގެ އުސޫލަކީ ކަމެއް ހައްލު ނުވެއްޖެ ނަމަ އެކަމަކާ މެދު ކޯޓުން ގޮތެއް ނިންމުން ކަމަށާއި އެކަމަކު ރާއްޖޭގައި އެގޮތަށް އަމަލު ކުރުމުން އެކަމަށް ފާޑު ކިޔަމުންދާ ކަމަށެވެ.
ޑިމޮކްރަސީގެ އުސޫލަކީ އަމިއްލަ މައްސަލަތައް ނުވަތަ ސިޔާސީ މައްސަލަތައް ކަމަށް ވިޔަސް ހައްލު ނުވެއްޖެ ނަމަ އެކަމެއްގައި ކޯޓުން ގޮތެއް ނިންމުން ކަމަށާއި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް މިއުސޫލުން އަމަލު ކުރުމުން ރާއްޖޭގައި އެކަމަށް ބަޔަކު ފާޑު ކިޔަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މުސްތަޝާރުގެ ބެލުމުގެ ދަށުން ބާއްވާ ޕާޓީ ހިންގާނެ ގޮތެއް ހަމަޖެއްސުމަށް ސިވިލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ވެސް ތާއިދު ކޮށްފައި ވާއިރު ރައީސް މައުމޫންގެ ފަރާތްޕުޅުން މިހާރު ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ޕީޕީއެމްގެ ދެކައުންސިލުން ނިންމުންތައް ނިންމަމުން ދާއިރު އެއްކައުންސިލް އަކީ ޤާނޫނީ ބާރު އޮތް ކައުންސިލެއް ކަމަށް އަނެއް ކައުންސިލުން ގަބޫލެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ