ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ ޝަރީއަތް ކެންސަލްކުރީ މައްސަލަ ބަލާ ސެކްޝަންގެ ގާޒީ ޓްރެއިނިން ޕްރޮގްރާމެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންފައި ވާތީ ކަމަށާއި ކެންސަލް ކޮށްފައި ވަނީ ނާޒިމްގެ މައްސަލަ އެކަނި ނޫން ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
އެ ކޯޓުން ބުނީ ނާޒިމްގެ މައްސަލަ މިއަދު ކުރިއަށް ގެންދަން ޝެޑިއުލްކޮށްފައި ވަނިކޮށް ޔޫއެންޑީޕީގެ ޓްރެއިނިން ޕްރޮގްރާމެއްގައި ގާޒީ ބޭރަށް ވަޑައިގަންނަވަން ޖެހުމުން 50 މައްސަލައެއް ކެންސަލްކުރަން ޖެހުނު ކަމަށެވެ. ނާޒިމްގެ މައްސަލަ ވެސް ހިމެނެނީ އޭގެ ތެރޭގައި ކަމަށް ކޯޓުން ބުންޏެވެ.
ނާޒިމް ކޯޓަށް ހާޒިރު ނުކުރެވޭ ކަމަށް ބުނާ މައްސަލަ އޮޅުން ފިލުވަން އެމްޑީޕީގެ ތިން މެންބަރަކު މިއަދު ކޯޓަށް ވަޑައިގެން އެކަމާ ބެހޭ ގޮތުން މީޑިއާގައި ވާހަކަ ދައްކަވާފައި ވަނިކޮށް ކޯޓުން ބުނީ ނާޒިމްގެ މައްސަލަ މީގެ ކުރިން ހަ ފަހަރެއްގެ މަތިން ޝެޑިއުލްކޮށް ތިން ފަހަރަކު ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އަދި ނާޒިމަށް ޗިޓް ރައްދު ނުވެގެން ދެ ފަހަރަށް މައްސަލަ ކެންސަލްކުރަން ޖެހިފައިވާ ކަމަށާއި ތިން ވަނަ ފަހަރު މައްސަލައަށް ކީއިރު ނާޒިމް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާގެ ގެއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވެފައި ވަނީ ކޯޓުން އޭނާ އަށް ރައްދުކުރަން ޖެހޭ ޗިޓެއް ރައްދު ނުވެފައި ނެތް ކަމަށެވެ.
ގާޒީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ކެންސަލްކުރީ ނާޒިމްގެ މައްސަލަ އެކަންޏެއް ނޫން: ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ