ތުޅާދޫ ކައުންސިލްގެ ޑީއާރުޕީ މެމްބަރު ވަކިކޮށްފި

ބ. ތުޅާދޫ ކައުންސިލްގެ ހަތް ޖަލްސާ އަށް އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަމައެކި ޑީއާރުޕީ މެމްބަރު އުމެއިރާ އަބޫބަކުރު ހާޒިރުވެފައި ނުވަނީ މަގުބޫލު އުޒުރެއް ނެތި ކަމަށް ބަލައި ލޯކަލް ގަވަމަންޓް އޮތޮރިޓީގެ ލަފައާ އެކު އޭނާ ކައުންސިލް މެމްބަރުކަމުން މިއަދު ވަކިކޮށްފި އެވެ.
އެމްޑީޕީގެ ހަތަރު މެމްބަރުން ތިއްބަވާ ކައުންސިލްގެ މެމްބަރު އިބްރާހިމް ޒާހިދު ވިދާޅުވީ އުމެއިރާ ވަކިކޮށްފައި ވަނީ އެލްޖީއޭ އިން އެޓާނީ ޖެނެރަލް އިން ލަފައަކަށް އެދި، އެ ލަފާގައި ވެސް އުމެއިރާ މެމްބަރެއްގެ ގޮތުގައި ބެލެވޭނެ ޖާގަ ނެތް ކަމަށް އެންގުމާ ގުޅިގެން ކަމަށެވެ.
މިއީ ކައުންސިލަރަކު ވަކިކުރި ފުރަތަމަ ފަހަރެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އެލްޖީ އަށް ލަފާދީފައިވާ ގޮތުގައި އުމެއިރާ ރަށުން ބޭރަށް ވަޑައިގެންނެވި ސަބަބެއް ރަސްމީ ލިޔެކިޔުމުން ކައުންސިލަށް އަންގާފައެއް ނުވެ އެވެ. އަދި ރަށުން ބޭރުގައި ހުންނެވި މުއްދަތުގައި ޗުއްޓީއާ މެދު ގޮތެއް ނިންމުމަށް ރަސްމީކޮށް ކައުންސިލަށް ސިޓީ ފޮނުވާފައި ނުވާތީ އެކަމުގައި މަގުބޫލު އުޒުރެއް ނެތް ކަމަށް ވެސް އެޓާނީ ޖެނެރަލްގެ ލަފާގައިވާ ކަމަށް ޒާހިދު ވިދާޅުވި އެވެ.
"އެލްޖީއޭ އިން ފޮނުވި ލަފާގެ ސިޓީއާ އެކު އުމެއިރާ އަކީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް އަޅުގަނޑުމެން ވާނީ އަންގައި ސިޓީ ފޮނުވާފައި،" ޒާހިދު ވިދާޅުވި އެވެ.
އުމެއިރާ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ އަށް ހުށަހެޅީ މަގުބޫލު އުޒުރެއް ނެތި ކައުންސިލްގެ 10 ޖަލްސާ އަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ކަމަށް އެ ކައުންސިލުން ބުނެ އެވެ. މަގުބޫލު ސަބަބެއް ނެތި ހަތް ޖަލްސާ އަށް ހާޒިރުނުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އުމެއިރާ މިއަދު ވިދާޅުވީ އޭނާ ވަކިކުރިކަން ކައުންސިލުން އެންގި ނަމަވެސް އެލްޖިއޭ އިން އެކަން ރަސްމީކޮށް އަދި އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާ އޮފީހަށް ނުކުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކައުންސިލުން އަޅުގަނޑު ވަކިކުރަން ސިޓީ ދިނަސް އެލްޖީއޭ އިން، ވަކިކުރިކަން ނާންގާ. އަޅުގަނޑު މެމްބަރުކަމަށް ހޮވީ ކައުންސިލަކުން ނޫން. އެހެންވީމަ އަޅުގަނޑު އޮފީހަށް ނުކުންނާނަން،" އުމެއިރާ ވިދާޅުވި އެވެ.
އުމެއިރާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދައިރާތައް ހިންގުމާ ބެހޭ ގޮތުން ބަނޑޮހުގައި ބޭއްވި ވޯކްޝޮޕެއްގައި އޭނާ ބައިވެރިވެ ރަށުން ބޭރަށް ދިޔައީ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދަށް އެންގުމަށް ފަހު ރަސްމީ ދަތުރެއްގެ ގޮތުގަ އެވެ. ނަމަވެސް އެކަން މައްސަލައަކަށް މެމްބަރުން ނެގީ ލިޔުމުން އަންގާފައި ނުވުމުން ކަމަށާއި ރަސްމީ ދަތުރުތައް ލިޔެކިޔުމުން އަންގަން ޖެހޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް އުމެއިރާ ވިދާޅުވި އެވެ.
އުމެއިރާ ވޯކްޝޮޕްގައި އުޅުއްވި ދެ ހަފުތާއެއްހާ ދުވަހު އެހާ އަވަސް އަވަހަށް ޖަލްސާ ބާއްވަން ޖެހުނީ ތުޅާދޫ ބަނދަރު ބޮޑުކުރުމާ މެދު ރައްޔިތުން ހިޔާލު ތަފާތުވެފައިވާ މައްސަލައާ ގުޅިގެންނެވެ. އެ މުއްދަތުގައި ކައުންސިލްގައި ބޭއްވި ހަތަރު އާއްމު ޖަލްސާ އާއި ކުއްލި ހަ ޖަލްސާ އަށް އުމެއިރާ ހާޒިރުވެފައިނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ