ސަރުކާރުން އަންހެނުންގެ ތަރައްގީއަށް ވަނީ އިހުމާލުވެފައި: މައުމޫން

ސަރުކާރަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮށްދިނިމުގައި އިހުމާލުވެފައިވާކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ނެރުއްވާފައިވާ ބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ ޕީޕީއެމް ސަރުކާރަށް އައީ އަންހެނުންގެ މެނިފެސްޓޯ އެއް އެކުލަވާލައި އަންހެނުންގެ ތަރައްގީ އާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ގިނަގުނަ ވައުދު ތަކެއް ވުމަށް ފަހުގައިކަމަށެވެ.
އޭގެތެރޭގައި އަންހެނުންނާއި އާއިލާތައް ރައްކާތެރި ކުރުމަށް ގާނޫނީ އޮނިގަނޑު ތަންފީޒު ކުރުމާއި ހަރުދަނާ ކުރުން އަނިޔާ ލިބިފައިވާ އަންހެނުންނަށް ރައްކާތެރިކަން ދިނުމާއި ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުން، ކައިވެންޔެއް ރޫޅި ދިއުމުގެ ސަބަބުން ދިރިއުޅޭނެ ތަނެއްނެތި ނިކަމެތިވާ ފަރާތްތަކަށް ބޯހިޔާ ވަހިކަމުގެ ވަގުތީ ވަޞީލަތެއް ހަމަޖައްސައި ދެވޭނެ އިޖުތިމާއީ އަދި ގާނޫނީ އުސޫލުތައް ތައާރަފު ކުރުން ހިމެނޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި ސިޔާސީ ގޮތުން އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރަން ވައުދުވި ކަންތައްތަކުގެ ތެރޭގައި، އިންތިހާބު ކުރެވޭ ސިޔާސީ މަގާމު ތަކަށް އަންހެނުން ކުރިމަތިލުމަށް ބާރުއަޅާ އެކަމުގައި އެހީތެރިވެދީ ކާމިޔާބު ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުން، ސިޔާސީ މަގާމުތަކުގައި އަންހެނުންނަށް ނިސްބަތުން ވަކި އަދަދެއް ކަނޑައެޅުން، އަންހެން ކުދިން އިޖުތިމާއީ އަދި ލީޑަރޝިޕަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ހިނގައި ދިނުމާއި، ރާއްޖެ ތަމްސީލުކުރާ މިޝަންތަކާއި ވަފުދުތަކުގަޔާއި ސަރުކާރުގެ ބޯޑުތަކުގައި އަންހެނުން ހިމެނޭ އަދަދު އިތުރު ކުރުމުގެ އިތުރަށް އަންހެނުންގެ ދައުރާއި ހިދުމަތާއި ކާމިޔާބީ ތަކަށް މުޖުތަމައުގައި ސަމާލުކަމާއި ތަރުހީބު އިތުރުކުރުން މަސައްކަތް ކޮށްދިނުމަށް ވައުދު ވެފައިވާކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިކަންކަމަށް ވައުދުވީ ނަމަވެސް މިކަންތައް ތަކަށް ކޮށްދިނުމުގައި ސަރުކާރުން އެކަށީގެންވާ މަސައްކަތް ތަކެއް ކޮށްފައި ނުވާތީ ހިތާމަކުރާކަަމަށް މައުމޫން ވިދާޅުވިއެވެ.
"އޭގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް ކޮށްދިނުމަށް ވައުދުވެވަޑައި ގެންފައިވާ ކަންކަމުގެ ތެރޭގައި، އަންހެނުންނަށް ހާއްސަ ކޮށްގެން އިންވެސްޓްމަންޓް ފައިސާ ފަސޭހަ ކާމާއި އެކު ލިބޭނެ ގޮތް ހެދުން، އަންހެނުންގެ ކޮމިޓީތަކަށް އެކަށީގެންވާ އެލަވަންސްއެއްދީ އެމީހުންނަށް މަސައްކަތް ކުރުމަށް ބާރުވެރި ކުރުވާ ފަދަ ތަމްރީނުތައް ފަހިކޮށްދިނުން، އަންހެނުންގެ ކޯޕަރޭޓީވް ސޮސައިޓީތައް އުފެއްދުން، އަންހެނުންނަށް ފުރުސަތު ބޮޑު ޓިވެޓް ތަމުރީނުތައް ހިންގުން، ވަޒީފައިގައި އަންހެނުން މަދު ދާއިރާތައް އަންހެނުން ގެނައުމަށް ތަމްރީނާއި ފުރުސަތު ދިނުން، ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ނުލިބޭ އަންހެނުންނަށް ޓިވެޓް ޕްރޮގްރާމްތައް ހިންގުން، އަންހެނުންނަށް ފައިދާ ކުރާ ޕްރޮޖެކްޓް ތަކަށް ފައިސާ ކަނޑައެޅުމަށް އިސްކަންދިނުން، ވަޒީފާ އާއި އާމްދަނީ ހޯދާ އިތުރު ފުރުސަތުތައް އަންހެނުންނަށް ސީދާ އަމާޒު ކުރެވޭ ދާއިރާ ތަކުގައި ތަރައްގީގެ ޕްރޮޖެކްޓް ތައް ހިންގުންވެސް ހިމެނެއެވެ." މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ނަމަވެސް ސަރުކާރުންނާއި ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުންވެސް ހާއްސަ ގޮތެއްގައި ދައުލަތުގެ ބަޖެޓު ފާސްކުރާއިރު މި ކަންތައް ތަކަށް އިސްކަމެއް ދެއްވައިގެން މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، އެއީ ޕީޕީއެމްގެ ސަރުކާރަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮށްދިނިމުގައި އިހުމާލުވުން ކަމުގައި ދެކޭކަމަށް ެރައީސް މައުމޫން ވިދާޅުވިއެވެ.
އެހެން ކަމުން، ޕީޕީއެމްގެ އަސާސީ ގަވާއިދުގެ މައިގަޑު މަގުސަދު ތަކުގެ ތެރޭގައި "ޖިންސުގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ ތަރައްގީއަށް ފުރުސަތުތައް ތަނަވަސްކުރުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން" ބަޔާންކޮށްފައިވީ ހިނދު، އަންހެނުންގެ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޕީޕީއެމްގެ މެނިފެސްޓޯގައި ވައުދު ވެފައިވާ ކަންތަކުގެ ތެރެއިން މަދު ކަންތައްތައް ކުރި ކަމުގައި ވިޔަސް ދެމެހެއްޓެނިވި ގޮތަކަށް އަންހެން ކަނބަލުންނަށް ހެޔޮ މަންފާ ލިބޭނެ ގޮތަށް އެންމެހާ ކަންކަން ސަރުކާރުން ކޮށްދިނުމަށް ގޮވާލާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި އަންހެން ކަނބަލުން ކުރާ ތަފާތު މަސައްކަތް ބަލައިގަނެ މުޖުތަމައުގައި އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އަންހެނުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށްވެސް ސަރުކާރުގެ ހުރިހާ މުއައްސަސާ ތަކަށް ރައީސް މައުމޫން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ