އެމްއެމްސީގެ "ނޫސްވެރިކަމުގެ ޤައުމީ ޝަރަފު"، ހަވީރު ނޫހުގެ ޗެއާމަން ޑރ. ޒާހިރަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މުޅިން އަލަށް ދޭން ފެށި ނޫސްވެރިކަމުގެ ޤައުމީ ޝަރަފު، ހަވީރު ނޫހުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނަށް ދެއްވައިފި އެވެ.
ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަހާއި ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޒާހިރުއަށް މި ޝަރަފު ހަވާލު ކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
ޑރ. ޒާހިރު ހުސައިން ހަވީރު ނޫހުގެ ޗެއާމަންގެ ގޮތުގައި ހުންނަވައިގެން ނޫސްވެރިކަމުގެ ދާއިރާއިން އެތައް ބަޔަކަށް ތަމްރީނާއި ތައުލީމްގެ ފުރުސަތު ހޯދާދީފައިވެ އެވެ. އަދި ޒާހިރުގެ މޭސްތިރިކަމުގައި ހަވީރު ނޫހުން ވަނީ ނޫސްވެރިކަމުގެ ދާއިރާއަށް އެތައް ބަޔަކު ބިނާކޮށް މިދާއިރާއަށް ބޮޑެތި ބަދަލުތަކެއްވެސް ގެންނަވާފަ އެވެ.
ޒާހިރަކީ ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޒާހިރު މިވަގުތު ހުންނެވީ ގައުމީ ޔުނިވަސިޓީގެ ޗާންސެލާގެ މަގާމުގަ އެވެ.
ޑރ. ޒާހިރަށް ވީމީޑިއާގެ ގުރޫޕުގެ އިސްވެރިންނާއި މުވައްޒަފުންގެ ނަމުގައި މަރުހަބާ ދަންނަވަމެވެ.
މިރޭގެ ރަސްމިއްޔާތުގައި "ނޫސްވެރިކަމުގެ އިނާމު 2014" ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ ރޭޑިއޯ އާއި ޓީވީ އަދި އޮންލައިން މީޑިއާ މި ތިން ދާއިރާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ