ލާލޭ ސްކޫލް އެހެން ބަޔަކަށް ނުދީ މަޑުޖައްސާލަން އޭސީސީން އަންގައިފި

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަލް ސްކޫލު ހިންގި ފަރީދިއްޔާ ސްކޫލުގެ އިމާރާތް އެހެން ބަޔަކަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ޝައްކުކުރެވިގެން އެތަން އެހެން ބަޔަކަށް ނުދީ މަދޫޖައްސާލުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.
ފަރީދިއްޔާ ސްކޫލުގައި ހިންގަމުން އައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުގެ މުއްދަތު ހަމަވެފައިވާތީ އެތަނުގައި އަލުން ކިޔަވައިދޭނެ ބަޔަކު ހޯދުމަށް ހުޅުވާލި ބިޑު ކާމިޔާބުކުރި ކޮލިޓޭޓް އެޑިއުކޭޝަން ކުންފުންޏަކީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން މއ. ލެއްގި، ޣާނިޔާ އަބްދުލްޣަފޫރާއި، ފަނޑިޔާރު ޝުޖާއުގެ އަނބިކަނބަލުން، ގއ. ވިލިނގިލީ، މިރާޒް، މިންނަތު ނަސީރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ދެ ބޭފުޅުންގެ އިތުރުން، ގދ. ފިޔޯރީ، ރޯސްމީޑް، މޫސާ ރަޝީދާއި މުހައްމަދު ރަޝީދުގެ ހިއްސާ ވެސް އެ ކުންފުނީގައި އޮވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލާލޭ ސްކޫލް ހިންގި އިމާރާތް ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު ބާއްވަން އޮތީ ނިންމައިފި އެވެ. އެކަމަކު، ފަރީދިއްޔާ ސްކޫލުގެ އިމާރާތް ކޮލިޓޭޓް އެޑިއުކޭޝަނަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް ބުނެ، އެކަން މަޑުޖައްސާލަން އޭސީސީން ހޯމަދުވަހު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައެވެ.
ބެލެނިވެރިން ބުނި ގޮތުގައި ލާލޭ ސްކޫލް މިހާރު ހިންގަމުން އަންނަ ހިންގާ ތުރުކީގެ ބިޒް އެޓޯލްސްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ ބަޔަކާ ހަވާލުކުރުމަށް ކުރިއަށްދިޔަ ބީލަމަކީ އެންމެ އިންސާފުވެރިކޮށް ކުރިއަށް ގެންދިޔަ ބީލަމެއް ކަމަށް ގަބޫލުނުކުރެވޭތީ އެވެ. ލާލޭ ސްކޫލް އަލަށް ހަވާލު ކުރަން ނިންމާފައިވާ ކުންފުނިން ހުށަހަޅާފައިވަނީ މިހާރަށް ވުރެ ބޮޑު ފީއެއް ކަމަށް ވެސް ބެލެނިވެރިން ބުންޏެވެ.
ލާލޭ އިންޓަރޭޝަން ސްކޫލުގެ ބެލެނިވެރިން ވަނީ އެ މައްސަލައަށް ހައްލެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާވެސް އާދިއްތަ ދުވަހުގެ މެންދުރު ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި، ލާލޭ ސްކޫލުގެ ވިއްސަކަށް ބެލެނިވެރިން ބައިވެރިވި އެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތައް މިނިސްޓްރީއާ ހިއްސާކުރި ނަމަވެސް އެކަމަށް ހައްލެއް ލިބުމުގެ ބަދަލުގައި ލިބިގެން ދިޔައީ ނުތަނަވަސްކަމާއި ކަންބޮޑުވުމެވެ.
ލާލޭ ސްކޫލް ބަޔަކާ ހަވާލުކުރަން ނިންމާފައި އޮތަސް، އެޑިއުކޭޝަން މިނިސްޓްރީގެ ވެރިންނާއެކު ބެލެނިވެރިން ބޭއްވި ބައްދަލުވުމުގައި އެނގިގެން ދިޔައީ "ކުއަލިޓޭޓް އެޑިއުކޭޝަން" ނަމަކަށް ކިޔާ ބަޔަކާ ލާލޭ ސްކޫލް ހަވާލުކުރަން ނިންމާފައިވާ ކަމެވެ. އެ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބެލެނިވެރިންނަށް އެންގިއެވެ.
ކުއަލަޓޭޓް އެޑިއުކޭޝަން ހުށަހަޅާފައިވަނީ ފައުންޑޭޝަން ސްޓޭޖަށް 2،185 ރުފިޔާ، ގްރޭޑް އެކަކުން އަށަކަށް 2833 ރުފިޔާ، ގްރޭޑް ނުވައަކުން ދިހައަކަށް 3076 ރުފިޔާ، މީގެ އިތުރުން ގްރޭޑް 11 އާއި 12ގެ ކުދިންނަށް 4047 ރުފިޔާ މަހު ފީގެ ގޮތުގައި ނެގުމަށެވެ. މިހާރު އެ ސްކޫލް ފީއަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް ބާރަ އާއި ދެމެދު 2000 ރުފިޔާ އިން 2850 ރުފިޔާއާ ދެމެދުގެ މިންވަރެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބިޒް އެޓޯލްއާ ލަލޭ ސްކޫލް ހަވާލުކޮށްފައިވަނީ 2008 ވަނަ އަހަރުގައެވެ. އެ ކުންފުންޏާ ސްކޫލް ހަވާލުކޮށްފައިވަނީ އަމިއްލަ ސްކޫލެއް އިމާރާތްކުރެވެން ދެން ފަސް އަހަރުގެ މުއްދަތަކަށެވެ. އޭގެ ފަހުން 2013 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބިޒް އެޓޯލްސް އަށް ލާލޭ ސްކޫލު ހިންގުމުގެ މުއްދަތު އިތުރުކޮށްދީފައެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ސްކޫލް ހިންގާނެ ބަޔަކު ހޯދަން ބީލަމަށްލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ