ނިޒާމެއް ނެތް ތަނެއްގައި ހަމަޖެހުމެއް ނޯންނާނެ: މެމްބަރު ވަހީދު

ނިޒާމެއް ނެތް ތަނެއްގައި ހަމަޖެހުމެއް ނޯންނާނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
މެމްބަރު ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތުގެ ނިޒާމުން ބޭރުން ކަންކަން ނިންމަން ފަށައިފިނަމަ ދައުލަތެއްގެ ބޭނުން ކެނޑި ހިނގައިދާނެ ކަމަށާއި ނިޒާމެއް ނެތް ތަނެއްގައި ހަމަޖެހުމެއް، ރައްކާތެރިކަމެއް އަދި މިނިވަންކަމެއްވެސް ނޯންނާނެ ކަމަށެވެ.
އިސްލާމީ އަދި ގާނޫނީ ދައުލަތެއްގައި ޙުކުމްތައް ނެރޭނީ އެދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިންކަން ފާހަގަކުރައްވާ މެމްބަރު ވަނީ ވަކިވަކި ފަރުދުން އަމިއްލަ އަމިއްލައަކަށް ހުކުމްތައް ނުނެރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މެމްބަރު ވަހީދު މިފަދައިން ވިދާޅުވީ ޔޯގާއާ ގުޅޭގޮތުން ރައީސް މައުމޫނު ނެރުއްވާފައިވާ ރައުޔާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިން އެކަމާ ނުރުހުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.
ރައީސް މައުމޫންގެ ރައްޔުގައި ވަނީ ޔޯގާއަކީ ހަރާމްކަމެއް ނޫން ކަމަށާއި ޔޯގާއަކީ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ކުރާ ކަސްރަތުތަކެއް ކަމަށެވެ.
ދީނީ ކަންކަމާއި ގުޅޭ ގޮތުން ރައީސް މައުމޫން މީގެކުރިން ވެސް ނެރުއްވި ބައެއް ރައުޔުތަކަކީ އިލްމުވެރިން ދެކޮޅު ހައްދަވާފައިވާ ރައުޔުތަކެވެ. އެގޮތުން ބުރުގާ އެޅުމަކީ ވާޖިބެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވެ ނެރުއްވި ރައުޔާއި، މިއުޒިކް ހަރާމް ނުވާނެކަމަށް ވިދާޅުވެ ރައީސް މައުމޫން ނެރުއްވި ރައުޔާއި ރާއްޖޭގެ އިލްމުވެރިން ވަނީ ދެކޮޅު ހައްދަވާފައެވެ.
ޔޯގާ ހަރާމް ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއިރު އަދާލަތު ޕާޓީން ރޭ އާއްމުކުރި ދިރާސާ ކަރުދާހެއްގައި ބުނީ އެންމެހާ ކަންކަމަށް ބަލާއިރު ޔޯގާ އަކީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެން ދާކަމަށާއި ޔޯގާއާއި ދީނާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
އަދާލަތު ޕާޓީން ކުރި ދިރާސާ ނެރުމުގެ ކުރިން ވެސް ރާއްޖޭގެ އެތައް އިލްމުވެރިންނެއް ވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ވިދާޅުވެ މީޑިއާގައި ވާހަކަދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ