ހައިކޯޓުން ކޮށްފައިވާ އަމުރެއް ސަސްޕެންޑްކުރުމަށްފަހު ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބޭސްފަރުވާއަށް ދޫކުރުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭސްފަރުވާއަށް ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް 80 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ސ. ހިތަދޫ / މަންދޫބުގެ ރުޝާން އަހުމަދުދީދީއެވެ. ރުޝާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވަނީ ހައިކޯޓުންނެވެ.
ބަންދު މުރާޖައާކޮށް ނިންމިގޮތުގައި ރުޝާންގެ ބަލިހާލަތާއި ގުޅޭގޮތުން ބުނެފައިވަނީ، 16 ޑިސެމްބަރު 2020 އިން ފެށިގެން ބޮލަށް އެނބުރުން އަރައި ގޮޅިތެރެއަށް ވެއްޓުމާއި 2020 އޮކްޓޯބަރު މަހުން ފެށިގެން އަތްތިލަ އައްސިވުމާއި ގައިގެ އެއްފަޅި އައްސިވަމުން ދިއުމުގެ ޝަކުވާ ކޮށްފައިވާކަން އެނގެން އޮންނަ ކަމަށާއި، އަދި ޑިސެމްބަރު 2021 ގައި ހެދި ޓެސްޓުން މީނާގެ ކަންފަތުގެ އަޑުއިވުމަށް ގެއްލުންވެފައިވާކަން އެނގޭކަމަށެވެ. އަދި ރުޝާންގެ އެމްއާރްއައި 2021 ސެޕްޓެމްބަރު 11 ގައި ހެދުމަށްފަހު އިރުޝާދުދިންގޮތަށް އީއެންޓީ ޑޮކްޓަރަށް ނުދައްކާހުރުމަށްފަހު 2021 ނޮވެމްބަރު 2 ގައި އީއެންޓީ ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. ބޭސްފަރުވާގެ މިކަންކަމަށްވެސް ގާތްގަނޑަކަށް އެއް އަހަރު ހޭދަވެފައިވާތީ އެކަން ފާހަގަކޮށްފައިވެއެވެ.
"އޭނާ ބަންދުކޮށްފައި ހުންނައިރު ބައްޔެއްވުމުން އެބަލީގެ ސަބަބާއި ފަރުވާ، ކަމާގުޅޭ ޑޮކްޓަރެއްގެ ފަރާތުން އޭނާއަށް ދެނެގަތުމަށް 1 އަހަރު ހޭދަވުމަކީ އިހުމާލެކެވެ." ޝަރީއަތަށް ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި މިއަމުރު ނެރުއްވި މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ލިޔުއްވާފައިވެއެވެ.
ޝަރުތުތަކަކާއެކު ރުޝާން ބަންދުން ދޫކޮށްލާފައިވާއިރު އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ ބަންދުން ދޫކޮށްލާފައި ހުންނައިރު އިތުރު ކުށެއް ނުކުރުމަށާއި، ޝަރިއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި، މައްސަލައިގައި ހެކިބަސްދިން އަދި ދޭންތިބި އެއްވެސް ފަރާތަތަކާ ބައްދަލުނުކުރުމަށާއި، ފޯނުން ނުވަތަ އެނޫން ގޮތަކުން ނުވަތަ މީހަކު މެދުވެރިކޮށްވެސް ވާހަކަ ނުދެއްކުން ނުވަތަ މުއާމަލާތު ނުކުރުމާއި އަދި އެފަދަ ކަމަކަށް މަސައްކަތް ނުކުރުމުގެ އިތުރުން ރޭގަނޑު 00:00 އިން ފެށިގެން ހެނދުނު 06:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމާއި ރާއްޖެއިން ބޭރަށް ނުދިއުމަށެވެ.
"މިޝަރުތުތަކަށް ދައުވާލިބޭ ފަރާތުން އެއްބަސްވާތީ، ދައުވާލިބޭ ސ. ހިތަދޫ މަންދޫބުގެ ރުޝާން އަހްމަދު ދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހަށް ސަސްޕެންޑްކޮށް، މިމުއްދަތަށް ބޭއްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަންގާ އަމުރުކޮށްފީމެވެ." އަމުރުގައިވެއެވެ.
މި އަމުރާ ގުޅިގެން ޕީޖީ ހުސައިން ޝަމީމްވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އެގޮތުން ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވާ، އެހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއްނޫން ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ. އަދި މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނެ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.
ހައިކޯޓުގެ އަމުރެއް ސަސްޕެންޑްކޮށް ހިތަދޫ ކޯޓުން ކުށުގެ ތުހުމަތުކުރެވޭ މީހަކު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ