ރޯދަމަހުގެ ހުރިހާ ރޯދަތައް ހިފުމުގެ ބޭނުމުގަ ޙައިޟް ނުވާ ނުވަތަ ޙައިޟްވުން ލަސްކުރާ ބޭސް ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު:. ބައެއް އަންހެނުން ރޯދަމަހުގެ ހުރިހާ ރޯދަތައް ހިފުމުގެ ބޭނުމުގާ ޙައިޟް ނުވާ ނުވަތަ ޙައިޟްވުން ލަސްކުރާ ބޭސް ބޭނުންކުރޭ. މީކޮންކަހަލަ ކަމެއްތޯ؟ 
ޖަވާބު:. ފުރަތަމަ ކަމަކީ ޙައިޟުގެ ކަންތައް އެއީ އެއްވެސް އަންހެނަކު އެމީހަކު އަމިއްލަޔަށް ކުރާ ކަމެއްނޫން. އެއީ الله سُبْحَانَهُ وَتَعَالى  ޙައްވާ ޢަލައިހިއްސަލާމްގެ އަންހެން ދަރިންގެ ކިބާގައި ލައްވާފައިވާ ޠަބީޢީ ކަމެއް ޙަޤީޤަތުގާ އޭގެ ސަބަބުން ޙައިޟު ވުމަކީ އެއީ އަންހެނުންގެ ޠަބީޢީ ކަމެއްގެ ގޮތުގައި ލައްވާފައި ވުމުގެ ސަބަބުން އޭގެ ވަރަށްގިނަ ފައިދާތަކެއް ހުންނާނެ. އަދި އެޠަބީޢީ ގޮތުން ވާންޖެހޭ ކަމެއް ހުއްޓުވައިލީމަ އޭގެ ސަބަބުން  އަޅުގަނޑުމެންނަށް ވަގުތުން ވަގުތަށް ނުވިކަމުގައިވީނަމަވެސް ދުރު މުސްތަޤްބަލެއްގައި ޞިއްޙީގޮތުން އަޅުގަނޑު މެންނަށް ލިބިދާނެ ގެއްލުންތައް ހުންނާނެ. 
އެގޮތަށް ވެފަވެސް އެބަހުރި، އެހެންވީމާ މިގޮތަށް އަޅުގަނޑުމެންނަށް ޙައިޟުގެ ކަންތައް ދިމާވެގެން ނަމާދު ކުރުމާއި، ރޯދަހިފުމާއި، ކަންތައްތަކުން ދުރުހެލިވާން ޖެހުންކަމުގައިވީނަމަވެސް އެއްގޮތަކަށްވެސް އަޅުގަނޑުމެން އެކަމާ މާޔޫސްވާކަށް ނުޖެހޭ ، ސަބަބަކީ ޙައިޟުގެ ދުވަސްވަރު ނަމާދު ކުރުމާއި، ރޯދަހިފުމާއި، މިފަދަ ކަންތައްތަކުން މިދުރުހެލިވަނީ އަމިއްލަޔަށް ކުރާކަމެއްނޫން.
އެހެންވެ ﷲ އާއި ﷲގެ ރަސޫލާ އަންގަވާފަ ވަނީ ހައިޟުގެ ދުވަސްވަރު އެފަދަ ކަންތައްތަކުން ދުރުހެލިވާށޭ! ނަމާދު ނުކުރާށޭ، ރޯދަވެސް ނުހިފާށޭ، އެހެންވީމާ އެކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެދުވަސްވަރު އެކަންތައްތައް ނުކޮށް ހުންނާތީ އޭގެ ސަބަބުންވެސް އެމީހުންނަށް އެކަމުގެ ޘަވާބު ލިބޭނެ . 
ދެންއޮތީ މިސާލަކަށް ލައިލަތުލްޤަދްރި ވިލޭރެޔާ ބައްދަލު ވަނީއޭ ތިމަންނަ މެންނަކަށް އެރޭ އަޅުކަމެއްވެސް ނުކުރެވެޔޭ އެކަމަކު ލައިލަތުލްޤަދްރި ވިލޭރެޔާ ބައްދަލުވި ކަމުގައިވަނީނަމަވެސް އަދި ޙައިޟުގެ ދުވަސްވަރާ ދިމާވި ކަމުގައިވީނަމަވެސް ޤުރްއާން ކިޔެވޭނެ، މީހުންނަށް ހެޔޮފޯރުކޮށްދެވޭނެ، ޤުރްއާން ތަރުޖަމާ ކިޔޭނެ މިހެންގޮސް ހެޔޮކަންތައްތައް ބައިވަރު ކުރެވޭނެ ހަމައެކަނި ނަމާދު ނުކުރެވުން އަދި މުޞްހަފްގަ ބީހުން އެފަދަ ކަންތައްތައް ނުކުރެވުނުކަމުގައިވީ ނަމަވެސް ހެޔޮކަން ތައްތައް ބަންދު ވެގެން ދިޔައީކީ ނޫން. 
އަނެއްކޮޅުން ﷲ ދެނެވޮޑިގެންވޭ އޭނާ އެޙައިޟުގެ ދުވަސްވަރާ ދިމާނުވި ކަމަށް ވަނީނަމަ އެރޭ އޭނާ ނަމާދުކޮށް ކަންތައްތައް ކުރާނެކަންވެސް. އެހެންވީމާ ޢާއްމުގޮތެއްގައި އޭނާ ރަގަޅަށް ހުންނަ ދުވަސްވަރުގައި އެކުރާ ހުރިހާ ހެޔޮ ޢަމަލެއްގެ ހެޔޮ ދަރުމަޔާއި ޘަވާބު މާތްﷲ އެމީހަކަށް ދެއްވާނެ. إنْشَاء الله تَعَالَى 
ދެން އޮތީ ބޭސް ބޭނުންކުރުމުގެ މައްސަލާގައި އެބޭސް ބޭނުން ކުރުމަކީ އޭގެ ޒާތުގާ މައްސަލައެއްނޫން. އެހެން ނަމަވެސް އެބޭސް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންތަކެއް ވެދާނެކަމަށް ފެންނަކަމަށް ވަނީނަމަ އެބޭސް ބޭނުންކޮށްގެނެއް ނުވާނެ، ބޭސް ބޭނުންކުރަންވާނީ އޭގެ ސަބަބުން ގެއްލުމެއް ނުވާނެ ކަމަށްވަނީނަމަ. ދެންހަމަ ކުރިންވެސް ދެންނެވިފަދައިން އެއްގޮތަކަށްވެސް ބުއްދިވެރި ކަމެއްނޫން އެއްވެސް ޙާލެއްގައި ހުރިހާ ރޯދަތަކެއް ހިފުމަށްޓަކާއޭ ކިޔާފަ ކޮންމެހެން ބޭސްކައިގެން ޕީރޭޑް ހުއްޓުވާލުން އެއީކީއެއް. 
ސަބަބަކީ ޕީރޭޑް ވެފާހުރި ކަމުގައިވީނަމަވެސް ނަމާދު ނުކުރެވޭތީ، ރޯދަނުހިފޭތީ އޭގެ ސަބަބުން މަނާވެގެން ހުންނަ ހުރުން އެއީ ﷲ އެކަމަށް ދަރުމަޔާއި ޘަވާބު ދެއްވާނެ ކަމެއް އެއީ އެއްވެސް ޙާލެއްގައި އޭނަގެ ބަދުނަޞީބެއްނޫން އަޅުގަނޑުމެން ބައެއް މީހުނަށް ހީވެފާ އޮންނަނީ މިއީ ވަރަށް ބަދުނަޞީބު ކަމެކޭ ރަމަޟާންމަހުގެ ރޯދަތައް ނުހިފުން، ނުވަތަ ލައިލަތުލްޤަދްރި ވިލޭރެޔާ ބައްދަލުވާއިރުގާ ޙައިޟު ވެފަހުރުން އެއީ ބަދު ނަޞީބު ކަމެކޭ. 
އެއްގޮތަކަށް ވެސް އެހެނެއްނޫން. އެއީ ކުރިންވެސް ދެންނެވި ފަދައިން އެކަން ކުރަނީކީ އަމިއްލަޔަކަށް ނޫން އަމިއްލަ ބާރަކުންވެސް ނޫން އެއީ ﷲ މެދުވެރި ކުރައްވާ ކަމެއް އެހެންވީމާ ﷲ މޮޅަށް ހުރިހާ ކަމެއް ދެނެވޮޑިގެންވޭ އޭނަ ފުރިހަމަ ޙާލަތުގައިވެސް ނުވަތަ ޠުހުރުގާ ޙައިޟު ނުވެ ހުރިކަމަށްވަނީނަމަ އޭނަ އެދުވަސްވަރު ކުރާނެކަން ތައްތައް ﷲ ދެނެވޮޑިގެންވޭ އަދި އެކަމަށް އޭނަ ނުކުރިކަމުގައިވީނަމަވެސް ކުރިފަދަ ދަރުމަޔާއި ޝަވާބު މާތްﷲ އެމީހަކަށް ދެއްވާނެ إنشاء الله تعالى 
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ