ސަސްޕެންޝަންގައި ތިބި ސިވިލް ސާވަންޓުންގެ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނާ މެދު ގޮތެއް ނިންމައިދޭން އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
މިމަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ. ގާނޫނު އޮންނަ ގޮތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ސިވިލް ސާވިސް މުވައްޒަފުން އިންތިޚާބު ނިމެންދެން ސަސްޕެންޝަންގައި ތިބެން ޖެހޭތީ އެ އިންތިޚާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުން ތިބީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްވެފަ އެވެ. އެހެންވެ، އެކަމަށް ހައްލެއް ހޯދައިދޭން ސީއެސްސީން ހައި ކޯޓަށް ހުށަހެޅީ މި ހަފުތާގަ އެވެ.
ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމީ އެއީ ހައި ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ ބާވަތުގެ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ވެފައި ތިބި ސިވިލް ސާވަންޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވެސް ކުރިން އޮތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކައުންސިލް އިންތިޚާބު ފަސްކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ސަސްޕެންޝަންގައި ތިބި މުވައްޒަފުންގެ ސަސްޕެންޝަން އުވޭ ގޮތަށް ހިމަނާފައިވެ އެވެ. އެކަމަކު އެ ބިލް މިހާތަނަށް ވެސް މަޖިލީހުން ފާސްކޮށްފައެއް ނުވެ އެވެ. އެ ބިލް އަވަހަށް ފާސްކޮށްދޭން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވެސް އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ