އަބްދުﷲ ގަޒީގެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕީޖީން ހައިކޯޓަށް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށެހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލުމާ ގުޅިގެން އެމައްސަލަ އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން ދައުވާކުރަން ފޮނުވީ އެ މަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ މިމައްސަލަ އިސްތިއުނާފް ކުރުމަށް ހުށެހެޅީ އަބްދުﷲ މުހައްމަދު ގިރިފުށީގައި އެކަހެރިކޮށް ބެހެއްޓި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ހުޅުމާލޭ ކޯޓަށް ޕީޖީން ހުށަހެޅި މައްސަލަ އެކޯޓުން އަނބުރާ ފޮނުވާފައި ވަނިކޮށް އަލުން މުރާޖާ ކުރުމަށްފަހު އަނެއްކާވެސް ހުޅުމާލޭ ކޯޓަށް ޕީޖީން މައްސަލަ ހުށެހެޅުމުންވެސް އެމައްސަލައަކީ އެކޯޓުގެ އިހްތިސާސްގެ ދަށުން ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ ފޮނުވާލުމާ ގުޅިގެން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އެމައްސަލަ މިއަދު ހައިކޯޓަށް ހުށަހަޅާފައި ކަމަށާއި އަދި ހައިކޯޓުންވަނީ މައްސަލަ ބަލައިގެންފަކަމަށެވެ.
ހުޅުމާލޭ ކޯޓުން އެމައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާފައިވަނީ އެމައްސަލައަކީ ކޯޓްތަކުގެ އިހްތިސާސްގެ ދަށުން އެކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ޕީޖީން ދައުވާ ކުރަނީ ކުށެއް ނުކުރާ މީހަކު ގާނޫނާއި ގަވާއިދާ ޚިލާފަށް ގަސްތުގައި ހިފާހައްޔަރުކުރުމުގެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ