ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިޔާސީ މައިދާނުން ދުރުވެވަޑައިގެންފި ނަމަ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝީމް އަލީ އެމްޑީޕީއާ ގުޅުމަށް ވަރަށް ބޮޑަށް ވިސްނެވި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޫކައި ހޮޓަލުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމްއަކީ ރައީސް މައުމޫންއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ބޭފުޅެއްކަމަށާއި އެހެންކަމުން ރައީސް މައުމޫން ހުންނަވާ ޕާޓީއެއްގައި ހުންނަވަން ވަރަށް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
"މަރްހޫމް ޑރ.އަފްރާޝީމް އަބަދުވެސް ވިސްނަވާ ސިޔާސީ މައިދާނުން ރައީސް މައުމޫން ދުރުވެވަޑައިގެންފި ނަމަ ދެން އެބޭފުޅާގެ ސިޔާސީ ހަޔާތްކުރިއަށްގެންދާނެ ގޮތަކާއިމެދު، އެގޮތުން އެމްޑީޕީއާ ގުޅުމަށް ވަރަށް ބޮޑަށް ވިސްނަވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ވަނީ ޑރ.އަފްރާޝީމް އަލީއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މީގެ 3 ހަފްތާ ކުރިން އަފްރާޝީމް އާއި ބައްދަލުކުރެއްވި ކަމަށެވެ. .އަފްރާޝީމްއަކީ އަބަދުވެސް ވަރަށް ހަރުދަނާކޮށް ވާހަކަދައްކަވާ އަދި ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ވަރަށް ގިނަ ނަސޭހަތް ދެއްވާފައިވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަފްރާޝީމާ ބައްދަލުވީ މީގެ ދެތިން ހަފުތާއެއްވަރު ކުރީގަ. އަފްރާޝީމް އެމްޑީޕީއަށް ވެދެވަޑައިގަންނަވާ ވާހަކައެއް ނުދައްކަވާ. އަފްރާޝީމް އަބަދުވެސް ވިދާޅުވަނީ އެބޭފުޅާ އެހެން ޕާޓީއަކަށް ވަޑައިގަންނަވާކަމަށް ވަނީވިއްޔާ އެބޭފުޅާ ވަޑައިގަތުން އެންމެ ގާތީ އެމްޑީޕީއަށް ކަމަށް. " ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އަފްރާޝީމުގެ އަނބިކަނބަލުންނާ ގުޅުއްވާ ތައުޒިޔާ ވިދާޅުވެ އެހިތާމައިގާ ބައިވެރިވާކަމަށް ވިދާޅުވެފައިވާނޭ ކަމަށެވެ.
އަދި ފްރާޝީމް ޢަލީގެ އަނބިކަނބަލުން އެދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނަމަ އެމްޑީޕީން އެގޮނޑިއަށް ކުރިމަތިލުމާއި މެދު ދެވަނަ ވިސްނުމަކަށް ދާނެކަމަށް އަފްރާޝީމްގެ އަނބިކަނބަލުންގެ ގާތު ވިދާޅުވެފައިވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަދި އަފްރާޝީމްގެ ސިޔާސީ މަސައްކަތުގައި އެބޭފުޅާ ނިކުމެވަޑައިގަންނަވާކަމަށް ވަނީވިއްޔާ އެމްޑީޕީން ވާދަކުރުމާ ގުޅޭ ގޮތުން ދެވަނަ ވިސްނުމަކަށް ދާނެކަމަށް އެބޭފުޅާއަށް ދެންނެވިން. އަޅުގަނޑަކަށް ފާހަގައެއް ނުކުރެއްވުނު އެބޭފުޅާ އެފަދަ މަސައްކަތަކަށް މިވަގުތު ނިކުމެވަޑައިގަންނަވަަން ތައްޔާރަށް ހުންނެވިކަމަކަށް. އެހެންވީމާ އަޅުގަނޑުމެން އެގޮނޑިއަށް ވާދަކުރުމަށް އެމްޑީޕީން މިވަނީ ނިންމާފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.
މައުމޫން ސިޔާސީ މައިދާނުން ދުރުވެވަޑައިގެންފިނަމަ އެމްޑީޕީ އާއި ގުޅުމަށް އަފްރާޝީމް ވިސްނެވި - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ