ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސުޕްރީމް ކޯޓުންދީފައިވާ ގައިޑުލައިނާ ޚިލާފަށް ރިޔާސީ އިންތިޚާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައިވާ ތާރީޚުތަކުގައި އިންތިޚާބު ބޭއްވިފައި ނުވުމަކީ ގައިޑުލައިނާ ޚިލާފަށް އިންތިޚާބު ބޭއްވުން ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެ އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ރައްޔިތުންނަށް މިނިވަންކަމާއެކު އެއްވެސް ކަހަލަ ހުރަހެއް އެޅުމަކާ ނުލައި އެ ހައްގު ބޭނުންކުރެވޭނެ އިންތިޚާބަކަށް ހެދުމަކީ އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.
ސުޕްރީމް ކޯޓުން ގައިޑުލައިންތަކެއް ދީފައި ވަނީ ރާއްޖޭގައި ބޭއްވޭ އެކިއެކި އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެފުށް ފެންނަ ގޮތަށް ބާއްވާ އިންސާފުވެރި އިންތިޚާބުތަކެއްކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް އަމުރުގައިބުނެ އެވެ. އެހެންކަމުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާ ގައިޑުލައިންތަކާ އެއްގޮތަށް ބޭއްވޭ އިންތިޚާބަކަށް ވާންޖެހޭނެ ކަމަށް އެ އަމުރުކޮށްފި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ