ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ޒުވާނުން ގިނައީ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުގައި 27،000 މެންބަރުން ތިއްބެވިއިރު އޭގެ ތެރެއިން 7،000 މެންބަރުންނަކީ ޒުވާނުން ކަމަށާއި އެއީ ނިސްބަތުން 26 ޕަސެންޓަށް ވުރެން ބޮޑު ކަމަށެވެ.
"ޕީޕީއެމްގެ ޑާޓާ ބޭސްގައި އެބައޮތް 27،000 މެންބަރުންނަށް ވުރެން ގިނަ އަދަދަކަށް މެންބަރުން އެބަތިއްބެވި، އެއީ އިލެކްޝަންސް ކޮމިޝަންގެ އަދަދެއް ނޫން، އެގެ ތެރެއިން 70،000 މެންބަރުންނަށް ވުރެން ގިނަ މެންބަރުންނަކީ އުމުރުން 35 އަހަރު ނުވާ ޒުވާނުންން، 35 އަހަރަކީ ސަރުކާރު ގަބޫލުކުރާ ޒުވާނުންގެ އުމުރުކަމަށްވާތީ މިދެންނެވީ، ދެން އޭގެ ނިސްބަތަކީ 26.8 ޕަސަންޓު، އެހެންވީމަ އަޅުގަނޑުމެންގެ މިޕާޓީއަކީ އެންމެ ޒުވާނުން ގިނަ ޕާޓީ، ޒުވާނުންނަށް ފުރުސަތު އޮތްކަން ދިވެހި ޒުވާނުން ގަބޫލުކުރައްވާ ޕާޓީ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގައި ޒުވާނުން ގިނަވުމަކީ ޕާޓީގެ ކުރިމަގަށް އޮތް ވަރަށް ބޮޑު ތަރައްގީއަކާއި ކުރިއެރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށާއި ޒުވާނުން އިތުރުވެ ޒުވާނުންގެ އާއ ވިސްނުމާއި އާއ ހިޔާލާއި އެމީހުންގެ ލޭގައި ހުރި ޖޯޝާއި ހޫނުކަމުގެ ސަބަބުން ޕާޓީ ވަރަށް ހަލުވިކަމާއިއެކު ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީގެ އިންތިހާބުތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ އަދަދު 80 އަށް ވުރެން ގިނަ ކަމަށާއި އެކަމުން ވެސް ޕާޓީގެ ޑިމޮކްރަސީ ވަރުގަދަކަން ހާމަކޮށްދޭ ކަމަށެވެ. އޭގެން ދައްކާދެނީ ޕީޕީއެމްގެ ގިނަ މެންބަރުންނަކީ ޕާޓީއަށް ހިދުމަތްކުރެއްވުމުގައި ޝައުގުވެރިކަންހުރި އަދި ހިދުމަތްކުރަން ބޭނުންފުޅުވާ ބޭފުޅުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންގެ ޑިމޮކްރަސީ ހުރިވަރު، އިންތިހާބުތައް ނިމިގެން މިދިޔައީ ވަރަށް ހާމަ ގޮތެއްގައި ސިއްރު ވޯޓަކުން އަޅުގަނޑުމެންގެ އެއްވެސް އިންތިހާބެއްގައި ބައިވެރިވެވަޑައިނުގަންނަވާ އިތުބާރު ހުރި ވަރަށް ގަދަރުވެރި ކޮމިޓީއަކުން އެކަން ކުރައްވަމުން ގެންދެވީ ރަނގަޅަށްކޮށްދެއްވީ އަދި ވޯޓު ގުނުމުގައި ހުރިހާ މެންބަރުންނަށް ފެނިވަޑައިގަންނވާ ގޮތަށް އަދި އެންމެން ކުރިމަތީގައި ގުނާ ނިމުނީ، އެވޯޓުގައި އެއްވެސް ކަހަލަ އޮޅުމެއް ނެތްކަން އަޅުގަނޑުމެންނަށް ޔަގީން، މިއީ ޑިމޮކްރަސީގެ މަތިވެރި ނަމޫނާއެއް." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޑޮމޮކްރަސީއަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްކުރުން ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް ބުނެދެވޭނީ ރައްޔިތުން އިންތިހާބު ކުރާ ބަޔަކު ނުވަތަ ރައްޔިތުން ރުހޭ ބަޔަކު ތިބެގެން ކަމަށެވެ.
"ޑިމޮކްރަސިއަކީ އިންތިހާބޭ، ކުރިން ވެސް އަޅުގަނޑު ވަރަށް ގިނައިން ދަންނަވާ ވާހަކައެއް ވަރަށް ގިނައިން އިންތިހާބު ކުރަންޖެހޭނެ ޑިމޮކްރަސީއެއްގައި އެއީ ޑޮމޮކްރަސީއަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްކުރުން، ރައްޔިތުން ބޭނުންވާ ގޮތް ބުނެދެވޭނީ ރައްޔިތުން އިންތިހާބު ކުރާ ބަޔަކު ރައްޔިތުން ރުހޭ ބަޔަކު އެހެންވީމަ އަޅުގަނޑުމެން ރައީސްއަކު ވެސް އިންތިހާބުކުރަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އިންތިހާބު ކުރަނީ، އެކި ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރަނީ ވެސް، އެހެންވެ އެގޮތުން އަޅުގަނޑުމެންގެ ޕާޓީގެ އިންތިހާބުތައް ވެސް ބޭނުންވަނީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން." އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމީ ޖަލްސާއާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެޖަލްސާއަކީ ވަރަށް ކާމިޔާބު މިރާއްޖޭގައި ބޭއްވުނު ޕާޓީއެއްގެ އެންމެ ފުރިހަމަ ކޮންގްރެސް ކަމަށެވެ. އަދި މިވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި ފެނިގެން މިދިޔައީ ވަރަށް އޮމާން ވަރަށް ރީތިކޮށް ވަރަށް ހަރުދަނާ ގޮތެއްގައި އިންތިހާބުތައް ބޭއްވިގެންދިޔަތަން ކަމަށާއި ހުރިހާ ކަމެއް ވެސް ނިމިގެން މިދިޔައީ އެއްބައިވަންތަ ކަމެއް މުޅި ދިވެހި ގައުމަށް ދައްކަމުން ކަމަށެވެ. އެމަނިކުފާނު ވަނީ މިޖަލްސާ މިހާ ކާމިޔާބުކޮށް ކުރިއަށްގެންދެއްވުމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ޕީޕީއެމްއަކީ އެންމެ ޒުވާނުން ގިނަ ޕާޓީ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ