ވަކި މީހަކު ނެތުމުން ޕާޓީ ބައިބައި ނުވާނެ - މައުމޫން

ވަކި މީހަކު ނެތުމަކީ ޕާޓީ ބައިބައިވެ ޕާޓީ ހީނަރުވެދާނެ ކަމެއް ނޫން ކަމަށާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ އެއަށްވުރެ މާ ޑިމޮކްރަޓިކް ޕާޓިއެއް ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ހޮޅުދޫގެ ހަތަރު ކައުންސިލަރަކު ޕީޕީއެމް އަށް ސޮއިކުރެއްވުމަށް އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާޙަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގައި ތިބެން ބޭނުންވާނަމަ ކޮންމެ މެންބަރަކުވެސް އަމަލު ކުރަންޖެހޭނީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށާއި، ޕާޓީގައި ހުންނަން ބޭނުންނުވާނަމަ ވަކިވެގެން ދިއުމުގެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ކަމަށެވެ.
އަދި މީގެ ކުރިން ވެސް އެޕާޓީން މެމްބަރުން އެހެން ޕާޓީތަކަށް ގޮސްފައިވާ ކަމަށާއި ތަފާތު އެކި ހުށަހެޅުންތައް ހުށަހަޅައިގެން އެހެން ޕާޓީތަކަށް މެމްބަރުން ގޮސްފައިވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން މެންބަރުންތަކެއް ކަމެއް މައުމޫން މިއަދު ވިދާޅެއް ނުވެ އެވެ.
މައުމޫނު ވިދާޅުވީ ޕީޕީއެމަކީ ވަކި މީހަކު އުފެއްދި ޕާޓީއެއް ކަމަށް ނުބުނެވޭނެ ކަމަށާއި އެކަން ކޮށްފައިވަނީ ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ.
ޕީޕީއެމް އުފެއްދީ އުމަރު ނަސީރު އާއި ރައީސް މައުމޫން އަބަދުލްގައްޔޫމް އެކަނި ކަމަށް އުމަރު ނަސީރު ރޭ ވިދާޅުވެފައިވާތީ ރައީސް މައުމުން ވިދާޅުވީ އުމަރު ނަސީރާއި މައުމޫނަކީ ޕީޕީއެމް އުފެއްދި މީހުން ކަމަށް ބުނެ އެ ކްރެޑިޓް ނުނެގޭނެ ކަމަށާއި ޕީޕީއެމްއަކީ އެއަށްވުރެ ޑިމޮކްރެޓިކް އަދި ގިނަ ބައެއްގެ މަސައްކަތުން އުފެއްދި ޕާޓީއެއް ކަމަށެވެ.
އުމަރު ނަސީރުގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅި އެމައްސަލަ ބަލަމުންދާތީ މައުމޫން ވިދާޅުވީ ސުލޫކީ ކޮމެޓީން ބަލައި ތަހްގީގު ކުރަމުން ގެންދަނިކޮށް އެކަމާ ގުޅޭ ގޮތުން އެޗެއް ވިދާޅުވުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ. ސުލޫކީ ކޮމިޓީން ބުނެފައިވަނީ އެމައްސަލަ ނިންމަން ދެހަފްތާވަރު ނަގާނެ ކަމަށެވެ.
"އުމަރު ނަސީރުގެ މައްސަލަ މިހާރު ވަނީ ސުލޫކު ކޮމެޓީ އަށް ފޮނުވިފައި. އެހެންވީމާ ސުލޫކު ކޮމެޓީން އެ މައްސަލަ ބައްލަވާ ތަހްގީގު ކުރައްވަމުން ގެންދަވަނިކޮށް އަޅުގަނޑު އެކަމަށް އެއްޗެށް ބުނުމަކީ އެހާ ހަމަޖެހޭ ކަމަކަށް ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް އާއި އަލަށް ގުޅުނު ހަތަރު ކައުންސިލަރުންނަކީ ނ. ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަމްދާން ނާސިރު އާއި އެ ކަމުންސިލްގެ މެމްބަރު އިބްރާހިމް ވަރުދީގެ އިތުރުން އެ ކައުންސިލްގައި ތިއްބެވި އަންހެން މެ މެމްބަރުން ކަމަށްވާ ޚާލިދާ މުހައްމަދުގެ އިތުރުން އާއިޝަތު ހަސްމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ