ޒިލިއަން ގެއިން ހައްޔަރުކުރި އަންހެނެއްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި
ގިނަ މަސްތުވާތަކެއްޗާއި ފައިސާއާ އެކު މ. ޒިލިއަން ގެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަންހެނެއްގެ ބަންދަށް ހައި ކޯޓުން އިއްޔެ ތާއީދުކޮށްފި އެވެ. ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ބުނެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާ އެކު ޒިލިއަން ގެއިން ހަ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ އެންމެން ވެސް ބަންދުގައި ބަހައްޓަން މިއަދާ ހަމައަށް ވެސް ކޯޓުން އަންނަނީ މުއްދަތު ދެމުންނެވެ. ހައި ކޯޓުން އިއްޔެ ތާއީދުކުރީ ޒިލިއަންގޭ ފާތިމަތު މާޔާ ޚަލީލު 15 ދުވަހަށް ބަންދުގައި ބަހައްޓަން ދަށު ކޯޓުން ނެރުނު އަމުރަށެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ މާޔާގެ މައްޗަށް ތުހުމަތު ކުރެވެނީ ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށްވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުން ކަމަށްވާއިރު އޭނާ ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވެސް އެގޮތަށް ކަނޑައަޅާފައިވާކަން ވެސް ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަށް ރިއާޔަތްކޮށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު ނިންމެވީ ދަށު ކޯޓުގެ އަމުރަށް ބަދަލު ނުގެނައުމަށެވެ. ޒިލިއަންގެ ބަލައި ފާސްކުރުމުގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރުން މަނާ ބާވަތުގެ ޖަނަވާރެއް ވެސް ފެނިފައިވެ އެވެ. މީގެ އިތުރުން ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ އާލަތްތައް ވެސް އެ ގެއިން ފެނިފައިވެ އެވެ. ދަރިފުޅާ އެކު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައި ހުރި 47 އަހަރުގެ އަންހެނަކު ވެސް އެ ގެއިން ހައްޔަރުކުރި އެވެ. އޭނާ ދޫކޮށްލާފައި ހުރީ ބަލި ހާލަތު ހުރިގޮތުން ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ