މައްސަލަ ހޫނުވުމުން އިޓަލީގެ ދެ ސިފައިން އެނބުރި އިންޑިއާ އަށް

ނިއު ދިއްލީ (މާޗް 23) - އިންޑިއާގެ ދެ މަސްވެރިއަކު މަރާލި މައްސަލައަކާ ގުޅިގެން އެގައުމުން ހައްޔަރުކޮށްގެން ގެންގުޅުނު އިޓަލީގެ ކަނޑުގެ ސިފައިންގެ ދެ މީހުންގެ ޝަރީއަތަށް ދެ ސިފައިން އެންމެ ފަހުން އިންޑިއާ އަށް އެނބުރި ހިނގައްޖެ އެވެ. ސިފައިން އެނބުރި ދިޔައީ މި މައްސަލާގައި އިންޑިއާ އިން އިޓަލީގެ ސަފީރު ޑެނިއެލް މަންޗީނީ އިންޑިއާ އިން ފުރިޔަނުދީ ހިފަހައްޓައިގެން މައްސަލަ ހޫނުކޮށްލުމުންނެވެ. ކަނޑުފޭރޭ ބައެއް ކަމަށް ހީކޮށް އިންޑިއާގެ މަސްވެރިންނަށް ހަމަލާ ދިން އިޓަލީގެ ސިފައިންގެ ދެ މީހުން އިންޑިއާގެ ބެލުމުގެ ދަށުން މިނިވަންކޮށް އިޓަލީ އަށް ގެންދިޔައީ އާންމު އިންތިހާބުގެ ވޯޓްގައި ބައިވެރިކުރުމަށް ކަމަށް ބުނެ އެވެ. އެއަށް ފަހު ސިފައިން އެނބުރި އިންޑިއާ އަށް ދާނެ ކަމުގެ ޔަގީންކަން އިޓަލީގެ ސަފީރު އޮތީ އިންޑިއާ އަށް ދީފަ އެވެ. ނ ަމަވެސް މައްސަލަ ހޫނުވީ ސިފައިން އެނބުރި ނުދާނެ ކަމަށް އިޓަލީން ބުނުމުންނެވެ. އިޓަލީން ސިފައިން އަލުން އިންޑިއާގެ ބެލުމުގެ ދަށަށް ދޫކޮށްލަން ދެކޮޅުހެދީ އެމީހުންނާ ދެކޮޅަށް ޝަރީއަތްކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށް ކަމަށް ބުނެ އެވެ. އެ ހިސާބުން އިންޑިއާ އިން ވަނީ ސަފީރު މަންޗީނީ އަށް އިންޑިއާ އިން ފުރައިވަޑައިނުގެންނެވޭ ގޮތަށް ސުޕްރީމް ކޯޓުން ހާއްސަ އަމުރެއް ނެރެފަ އެވެ. އެއަށް ފަހު ބުނަމުން ދިޔައީ ސިފައިން އެނބުރި އައިސް ޝަރީއަތް ނުފެށެނީސް ސަފީރަށް އެނބުރި ގައުމަށް ވައިނުގެންނެވޭނެ ކަމަށެވެ. އެންމެ ފަހުން ދެ ސިފައިން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރުމަށް އިޓަލީން ނިންމުމުން އިންޑިއާގެ ޚާރިޖީ ވަޒީރު ސަލްމާން ޚުރުޝިދު އާއި ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. އެ ދެ ބޭފުޅުން ވިދާޅުވީ އިންޑިއާ އާއި އިޓަލީގެ ޚާރިޖީ ގުޅުން ވަރަށް މުހިންމު ކަމަށާއި އެ ގުޅުމަށް ނޭދެވޭ އަސަރެއް ނުކޮށް މައްސަލަ ހައްލުވުމުން އުފާކުރައްވާ ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ