ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓުން ނަގައިފި

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާންގެ ގާބިލް ކަމެއް ނެތް ކަމަށް ޖޭއެސްސީން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ނަގައިފި އެވެ. އުއްތަމަ ފަނޑިޔާރު ކަމަށް އާ ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިރޭ 9:00 ގައި ފަށާ ޖަލްސާ ހުއްޓުވުމުގެ އަމުރަކަށް އެމްޑީޕީން އެދިފައިވާ އެ މައްސަލައިގެ ޝަރީއަތެއް 8:30 ގައި ބާއްވަން ސިވިލް ކޯޓުން ހަމަޖެއްސި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން އެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ. އެ ސިޓީގައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރި ކުރުމާ ބެހޭ މައްސަލައިގައި އެއްވެސް ފަރާތަކުން އެއްވެސް މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ނަމަ "ތިޔަ ކޯޓުން އެ މައްސަލައާ މެދު އެއްވެސް ފިޔަވަޅެއް އެޅުމަކާ ނުލައި އެ މައްސަލައިގެ ފައިލު ކަމާބެހޭ އެންމެހާ ލިޔުންތަކާ އެކު" މިރޭ 8:45 ގެ ކުރިން ސުޕްރީމް ކޯޓާ ހަވާލުކުރުމަށް އަމުރުކުރާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެ ފިޔަވަޅެއް ވަގުތުން ބާތިލްކުރަން ވެސް އަންގައި އަމުރުކުރާ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ޝަމްއާ އިސްމާއީލް ސޮއިކުރައްވާފައިވާ ސިޓީގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ