މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމާ ބެހޭ ބިލް ދެވަނަ ފަހަރަށް ފޮނުވައިފިނަމަ ދެން ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން: ރައީސް

14:30ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމާބެހޭ ބިލް ތަސްދީޤުނުކުރައްވާނެ ކަމަށާއި މަޖިލީހުން 39 މެމްބަރުންގެ ވޯޓުން އެ ބިލް ފާސްކުރުމަށްފަހު އަނެއްކާވެސް ފޮނުއްވައިފިނަމަ ދެން ގޮތެއް ނިންމަވާނީ ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.އިސްތިއުފާ ދެއްވާފައިވާ ކެބިނެޓް އަލުން ހުވާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މާލިއްޔަތު ޤާނޫނަށް އިސްލާހް ގެނެސްފައިވާ ބިލް ތަސްދީޤްނުކުރައްވާނެ ކަމަށާއި ކަނޑައެޅިގެން އެނގި ތިބެ އަމިއްލަ އަށް ގެއްލުމެއް ދީގެން ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިއެއްގެ ހައިސިއްޔަތުން ރާއްޖެ އަށް ގެއްލުމެއް ލިބުނަ ނުދީ ކަންކަން ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވާޖިބަކީ މަސްއޫލިއްޔަތަކީ ދިފާއީ ބާރުތަކުން ބޭނުން ކުރަންޖެހޭ އިރެއްގައި ބޭނުން ކޮށްގެން ހިކުމަތްތެރިކަމާއި ވިސްނުން ތެރިކަމާއި، އަދި އެނޫން ވެސް އިންސާނީ ދުނިޔެވީ ވަސީލަތްތައް ބޭނުން ކޮށްގެން މި ރާއްޖެ ސަލަމާތް ކުރުން ކަމުގަ އެވެ. އަދި އެމަނިކުފާނު ރައްޔިތުންނަށް ވަޢުދުވެ ހުރީ ވެސް އެކަމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ކުރެވިފައިވާ މުއާމަލާތްތަކެއްގެ އޯޑިއޯތަކެއް ލީކްވެގެން އުޅޭ މައްސަލާގައި ބައެއް ފަރާތްތަކުން ތުހުމަތުގެ އިނގިލި ޤައުމީ ދިފާއީ ބާރުތަކަށް ދިއްކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އޯޑިއޯ ކްލިޕްތަކުގެ މައްސަލައިގައި ދިފާއީ ބާރުގެ ތެރެއިން ގާނޫނާއި ޚިލާފް ކަމެއް ހިނގާފައި އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި މިހާރު ދުނިޔޭގައި ފޯން ކޯލްތައް އަޑުއެހުމުގެ ގާބިލު ކަން ހުރީ ހަމައެކަނި ދައުލަތަށް ކަމަށް ދެކިގެން ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ އޯޑިއޯ ކްލިޕް ތަކުގައި ދައްކާފައިވާ ވާހަކަ ތަކަކީ މުޅި ދައުލަތާއި ގައުމު ފަސާދަވެ، ހަލާކުވާ ކަހަލަ ވާހަކަތަކެއް ކަމަށާއި އަދި އެ ވާހަކަތައް އަޑު އިވުނު މީހާ ގޯސްވުމަކީ އަރަތެއް ކަމަށެވެ. ރައީސް ވިދާޅުވީ އެކަމުގައި ގާނޫނީ ހަމަތައް އޮތް ގޮތް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ