އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސިވިލް ކޯޓުގެ މައްސަލަތައް ކެންސަލްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސިވިލް ކޯޓުގެ މިއަދަށް ޝެޑިއުލްކޮށްފައި ހުރި މައްސަލަތައް ކެންސަލްކޮށްފި އެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ މައްސަލަތައް ކެންސަލްކުރީ އެމްއެންޑީއެފް އިން އިސް ގާޒީ ހައްޔަރުކޮށްފައިވާތީ އާއި ކޯޓު އަމުރުތަކަށް ސަލާމަތީ ބާރުން ތަބާވެފައިނުވާތީ ކަމަށެވެ. މިއަދަށް ޝެޑިއުލްކޮށްފައި ހުރި މައްސަލަތައް ކެންސަލްކުރި ނަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ. ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ މިއަދު އެ ކޯޓުގައި 10 މައްސަލަ ބެލުމަށް ޝެޑިއުލްކޮށްފައި އޮތް ކަމަށެވެ. ނަމަވެސް "ޖުޑިޝަރީއަށް ދިމާވެފައިވާ ކުއްލި ހާލަތާ ގުޅިގެން" ފަނޑިޔާރުން މިއަދު ހެނދުނު ބައްދަލު ކުރެއްވުމަށް ފަހު މިއަދުގެ މައްސަލަތައް ބެލުން އެހެން ދުވަހަކަށް ފަސްކުރެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ. ސިވިލް ކޯޓުން ބުނީ މައްސަލަތައް ކެންސަލްކުރި ސަބަބު ފަހުން ހާމަކުރާނެ ކަމަށެވެ. ޖުވެނައިލް ކޯޓުން ބުނީ މައްސަލަތައް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރޭގެ ވަގުތެއްގައި ހައްޔަރުކުރުމާ ގުޅިގެން މުޅި ޖުޑިޝަރީ ވަނީ އެކަމާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ހައި ކޯޓުންނާއި ސުޕްރީމް ކޯޓު އަދި ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ވަނީ އަބްދުﷲ މުހައްމަދު ވަގުތުން ދޫކޮށްލުމަށް އެމްއެންޑީއެފްއަށް އަމުރުކޮށްފަ އެވެ. ހައި ކޯޓުގެ އަމުރާއި ސުޕްރީމް ކޯޓުގެ އަމުރު ނެރެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ދެ އަމުރު ހަވާލުކުރުމަށް އެމްއެންޑީއެފް އަށް ކޯޓުތަކުން ދިޔުމުން އެމްއެންޑީއެފުން ވަނީ އެ އަމުރުތަކާ ހަވާލުވުމަށް އިންކާރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ