ނަޝީދުގެ ޝަރީއަތް އަވަސްކޮށް ދޭން ސުޕްރީމް ކޯޓުގައި އެދެފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަވަސްކޮށް ދިނުމަށް، އަމިއްލަ ފަރާތަކުން އިއްޔެ ސުޕްރީމް ކޯޓުގައި އެދެފި އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުވި ސިޓީއެއްގައި، ކ. ތުލުސްދޫ ބިނާ، އަބްދުﷲ ޝަރީފް ބުނީ ނަޝީދު ހިންގެވި "އިންސާނިއްޔަތާ ހިލާފު ބޮޑު ޖަރީމާ"ގެ ޝަރީއަތަށް ދެ އަހަރުވާން ކައިރިވެފައި ވީއިރު ވެސް ނިމިފައި ނުވާތީ، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ބުނީ، އެކަމުގެ ސަބަބުން "ދިވެހި އުއްމަތަށް" ނުތަނަވަސްކަމާއި މާޔޫސްކަން ކުރިމަތިވަމުންދާ ކަމަށެވެ. ޝަރީފް ފާހަގަކުރި ގޮތުގައި، އިދިކޮޅު އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދުގެ މައްސަލައަކީ ރާއްޖޭގެ ސުލްހަމަސަލަސްކަމާއި އިގްތިސާދީ ހަމަޖެހުމުގެ އިތުރަށް، އަދުލު އިންސާފު ގާއިމްކުރުމުގެ މުޅި ނިޒާމާ ގުޅިފައިވާ މައްސަލައެކެވެ. އެހެންކަމުން، އެ ޝަރީއަތް ވީހާ ވެސް ކުރު މުއްދަތެއްގައި ނިންމުމަކީ ގާނޫނުއަސާސީ ދިފާއުކޮށް، ނެގެހެއްޓުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ބުންޏެވެ. "އިންސާފު ލިބުން ލަސްވުމަކީ އަމުދުން އިންސާފު ނުލިބުން ކަމުގައި ދެކެއުޅޭކަން މަނިކުފާނު ވެސް ދެނެވަޑައިގަންނަވާނެތެވެ،" ސިޓީގައިވެ އެވެ. ބާވީސް ދުވަސް ވަންދެން ގިރިފުށީގައި އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ނަޝީދުގެ އިތުރުން، އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާ ކުރެ އެވެ. އަދި އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރަކަށް އޭރު ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެމްބަރު، އިބްރާހިމް ދީދީ އާއި އޭރުގެ ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓަރު ކާނަލް އަހުމަދު ޒިޔާދަކީ ވެސް އެ ދައުވާ ލިބޭ ދެ ބޭފުޅުންނެވެ. ފެބުރުއަރީ 7 ވަނަ ދުވަހު އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި މާލޭ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީ ޖުމްހޫރީ މައިދާން ސަރަހައްދުގައި: އެ ތިން ބޭފުޅުންނަށް ވެސް ދައުވާ ލިބޭ. --ހަވީރު ފައިލް ފޮޓޯ އޮކްޓޯބަރު 2012 ގައި ހުޅުމާލޭ ކޯޓުގައި ފެށި އެ ބޭފުޅުންގެ ޝަރީއަތް ހުއްޓުނީ 2013 ގައި ހައި ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެއީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ހުޅުމާލޭ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލައެއްގަ އެވެ. އެހެން ނަމަވެސް، ހައި ކޯޓުގައި އޮތް މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ވެސް މިހާރު ވަނީ ދެ އަހަރުވާން ކައިރިވެފަ އެވެ. އެއީ، އެ މައްސަލަ އެ ކޯޓުން ފުރަތަމަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، އިސް ފަނޑިޔާރު އަހުމަދު ޝަރީފް ޖޭއެސްސީން ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. އިސް ފަނޑިޔާރު ސަސްޕެންޑް ކުރުމުން އިސް ފަނޑިޔާރުގެ ބަދަލުގައި އެހެން ފަނޑިޔާރުން އައްޔަން ކޮށްގެން ޝަރީއަތްތައް ކުރިއަށް ގެންދަން ހައި ކޯޓުން ފެށި އެވެ. ނަމަވެސް ނަޝީދުގެ މައްސަލަ ބަލާ ބެންޗުގައި އިސް ފަނޑިޔާރުގެ ބަދަލުގައި ހަމަޖައްސަވާފައިވަނީ ކޮން ފަނޑިޔާރެއް ކަމެއް ސާފެއް ނުވެ އެވެ. ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާގައި ވަނީ ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި އެހެންވެ އެ ކޯޓުގެ ލަފާގެ މަތިން ކޮށްފައިވާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. ހުޅުމާލޭ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ މައްސަލަ ހައި ކޯޓުގައި އޮއްވާ އެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު އެހެން ކޯޓުތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޝުޖާއު އުސްމާނު ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައި ވާއިރު، އެ ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ހުސައިން މަޒީދު ވަނީ ސިވިލް ކޯޓަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ