ގަދަބާރުން އަބްދުﷲ ގާޒީ ތަނަކަށް ގެންގޮސް ބަންދުކުރާކަށް އަމުރެއް ނުކުރަން: ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ބޭއިންސާފުން ކަމަށާއި އަބްދުﷲ ގާޒީ، ގަދަބާރުން ތަނަކަށް ގެންދިއުމަށް ނުވަތަ ހައްޔަރުކުރަން ވެސް އަމުރުކޮށްފައި ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނުގެ އޮފީހުން އާއްމުކޮށްފައިވާ ބަޔާނެއްގަ އެވެ. އެ އޮފީހުން ބުނިގޮތުގައި އެއީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ނަޝީދު އިއްވަވަން ތައްޔާރުކުރި ބަޔާނެކެވެ. އެ ބަޔާން ޝަރީއަތުގެ މަޖިލީހަށް ހުށަނޭޅުނީ، އެކަށީގެންވާ ފުރުސަތު ނުދިނުމުން ކަމަށް ވެސް ނަޝީދުގެ އޮފީހުން ބުންޏެވެ. އެ ބަޔާނުގައި ނަޝީދު ވަނީ، ސިފައިން 2012 ވަނަ އަހަރު އަބްދުﷲ ގާޒީ ގަދަކަމުން ގެންގޮސް 22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބެހެއްޓި މައްސަލައާ ގުޅޭގޮތުން، ޝަރީއަތުގައި އަދި މީޑިއާގައި ވެސް މިހާތަނަށް ނުދައްކަވާ ގިނަ ވާހަކަތެއް ހިމަނުއްވައިފަ އެވެ. ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީއާ ގުޅިގެން ކުރިމަތިވި މައްސަލަތަައް އެމަނިކުފާނާ ހިސާބަށް އައުމުން، އަބަދުވެސް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ކަމަށެވެ. އެކަން ލިޔެކިޔުންތަކުންނާއި އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ވެސް ސާފުވާއިރު، އަބްދުﷲ ގާޒީ ގަދަކަމުން ތަނަކަށް ގެންދަން އޭނާ ކުރި އަމުރެއް ލިޔެކިޔުމުން ފެންނާކަށް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. "ގާޒީ އަބްދުﷲ މުހައްމަދު ގަދަބާރުން ތަނަކަށް ގެންދާކަށް އަޅުގަނޑު ނިންމާފައެއް ނުވާނެ އެވެ. އަދި އެފަދަ ކަމެއް ކުރުމަށް އަމުރެއް ވެސް ކޮށްފައެއް ނުވާނެ އެވެ،" ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހަށް އަބްދުﷲ ގާޒީ ހާޒިރުކުރުމުން، އޭނާ ބަންދުކުރި މައްސަލައިގެ ޒިންމާ ކުރީގެ ރައީސް ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވީ "ތަހައްމަލް ކުރެއްވި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އަމިއްލަ ރައުޔެއްގެ" މައްޗަށް ކަމަށް ބަޔާނުގައި ވިދާޅުވެފައިވެ އެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި، އަބްދުﷲ ގާޒީއާ ގުޅޭގޮތުން އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހުގެ އިތުރުން އާއްމުންގެ ފަރާތުން ކެނޑިނޭޅި ޝަކުވާތައް ލިބުނު ކަމަށެވެ. އެ ޝަކުވާތައް ލިބިފައި ވަނިކޮށް، މީހަކު މެރުމުގެ ތުހުމަތުގައި ޖަލު ބަންދުގައި ހުރި މީހެއްގެ ސިއްހީ ލިއުމެއް ހޮސްޕިޓަލުން ނުލިބޭ ކަމަށް ބުނެ އަބްދުﷲ ގާޒީ، އެ ކުށްވެރިޔާ ދޫކޮށްލުމުން، އޭނާ އެހެން މީހަކު މެރިކަމަށް ތުހުމަތުކުރެވުނު ކަމަށް ވިދާޅުވި އެވެ. ބަޔާނުގައި ނަން ވިދާޅުނުވިއަސް، ނަޝީދު އެ އިޝާރާތްކުރެއްވީ މީހަކު މެރުމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އިބްރާހިމް ޝަހުމް އާދަމްގެ ވާހަކަ އެވެ. މެޑިކަލް ރިޕޯޓް ނުލިބި އެތައް ދުވަހެއް ވޭތުވީ އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި ޑރ. އައިމިނަތު ޖަމީލްގެ އިހްމާލުން ކަމަށް ވިދާޅުވެ އަބްދުﷲ ގާޒީ ވަނީ ޝަހުމް ބަންދުން ދޫކޮށްލައްވާފަ އެވެ. "ފުލުހުންނަށް ވެސް އަދި ހޯމް މިނިސްޓަރަށް ވެސް މިކަން ސިފަކުރެވުނީ ސީދާ ކޮންޓްރެކްޓް މެރުމެއްގެ ގޮތުގަ އެވެ. ވަޅިޖަހާ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވާތީ، ވަޅިޖަހާ މީހާ އަށް ކޮންޓްރެކްޓް ދިން މީހާ މި ކޮންޓްރެކްޓްގެ ތެރޭގައި ގާޒީ އަބްދުﷲ މުހައްމަދު ވެސް ހިމަނައި، ވަޅިޖަހާ މީހާ ދޫކޮށްލުން ގާޒީ އަބްދުﷲ މުހައްމަދުގެ ދައުރެއް ކަމުގައި ހަމަޖެއްސީ އެވެ،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޝަހުމްގެ މައްސަލަ ކުރިމަތިވުމުން، އަބްދުﷲ ގާޒީގެ މައްސަލަތައް ތަހުގީގުކުރަން ފުލުހުންނަށް އަންގަވާފައިވާނެ ކަމަށެވެ. "ކޮމިޝަނަ އޮފް ޕޮލިސް އަރިހުގައި އަޅުގަނޑު އެއްވެސް ހާލެއްގައި ދެންނެވީ ގާނޫނާއި ގަވާއިދާ ހިލާފަށް އެކަން ކުރުމަކަށް ނޫނެވެ. ރާއްޖޭގައި ކަނޑައެޅިފައިވާ ގާނޫނީ ހަމަތަކުގެ ތެރެއިން އެކަން ކުރުމަށެވެ،" ނަޝީދު ވިދާޅުވި އެވެ. ގިރިފުށީގައި ބަނދުކޮށްފައ ހުރިި އަބްދުﷲ ގާޒީ ފެބްރުއަރީ 7 ގައި މާލެ ގެނެސްފައި -- ފޮޓޯ: އުބައިދުﷲ އަބްދުﷲ ގާޒީ ހައްޔަރު ކުރަން އަމުރު ނުކުރައްވާކަން ސާބިތުކޮށްދެއްވުމަށް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުގެ ފަހުކޮޅު ދައުލަތުގެ އާމްދަނީ ހަ ބިލިއަން ރުފިޔާ އިން 11 ބިލިއަނަށް އިތުރުކުރުމަށް މާލީ ވަޒީރަށް ވިދާޅުވެފައިވާނެ ކަމަށާއި އެކަމަކު އޭގެ މާނައަކީ "ސިފައިން ބޭނުންކޮށްގެން ތަންތަން ލޫޓުވުން ނޫން" ކަމަށެވެ. ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމުގެ ތަހުގީގަށް އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަން އުޅުމުން އޭނާ ހާޒިރުކުރެވޭ ގޮތެއް ނުވި ކަމަށެވެ. އޭނާ ހާޒިރުނުކޮށް ތަހުގީގު ހިންގެން އޮތް މިންވަރަށް ފުލުހުން ތަހުގީގު ހިންގިއިރު، "އެ ތަހުގީގަށް ފެނުނީ އަބްދުﷲ ގާޒީ އަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި" ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "މިވާހަކަ އަޅުގަނޑަށް އެންގުމުން އަޅުގަނޑު ދެންނެވީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކުން ސަލާމަތް ވުމަށް ކުރަން ހުރި ކަންކަން ކުރުމަށް އަޅުގަނޑު ހޯމް މިނިސްޓަރަށް އަންގާފައިވާނެ އެވެ. އެއްވެސް އިރެއްގައި އެއްވެސް ބޭފުޅެއްގެ ގާތުގައި ވަކި ގޮތަކަށް ވަކި ކަމެއްކޮށް، ވަކި ފިޔަވަޅެއް އެޅުމަށް އަޅުގަނޑު އަންގާފައެއް ނުވާނެ އެވެ،" ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ބާރު ސްޕީޑުގައި ޝަރީއަތް ނިންމުމުގެ ޒިންމާ ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުން ނަންގަވަން ޖެހެ އެވެ. އެ ޝަރީއަތުގައި "ގޮތް ނިންމެވުމުގެ އިހްތިޔާރެއް ނެތް ކަމަށް" ތިން ފަނޑިޔާރުން އެމަނިކުފާނުގެ ގާތް ބޭފުޅުން ގާތު ވިދާޅުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދެވީ ފަނޑިޔާރު ޝުޖާއު އުސްމާނާއި އަބްދުﷲ ދީދީގެ އިތުރުން އަބްދުލްބާރީ އެވެ. "ތިޔަ އިއްޒަތްތެރި ތިން ފަނޑިޔާރުން އަޅުގަނޑަށް ދޭ ބޭއިންސާފަށް އިރާދަ ކުރެއްވިއްޔާ އިންސާފު ލިބޭނެ އެވެ. ޝަރީއަތުގެ ނަމުގައި ތިން ފަނޑިޔާރުން ހިންގެވީ ޗަރުކޭހެކެވެ. ކޯޓުގައި ހިނގަނީ ޝަރީއަތެއް ކަމުގައި ދެކި، ކޯޓުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ މާނައެއް ނެތެވެ. އަޅުގަނޑު އެންމެ ފަހުވަގުތު ވެސް މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންނަށް ދަންނަވާނީ ދުނިޔެއަށް ލަދުވެތިވާށެވެ. އާޚިރަތަށް ބިރުގަންނާށެވެ. މި ޗަރުކޭސް ހިންގުމުން ތިބޭފުޅުން ތަނާޒަލްވެ ވަޑައިގަންނަވާށެވެ،" ބަޔާން ނިންމަވާލައްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސިފައިން އަބްދުﷲ ގާޒީ ބަންދުކުރީ ނަޝީދުގެ އަމުރަށް ކަމަށާއި އެ މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމްކުރުމާ ގުޅިގެން އެ މަނިކުފާނު ހުންނެވީ ޖަލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ