ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިފައިވާ ބޭފުޅުން ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ފަރާތްތަކަކުންވެސް ރަޖިސްޓްރީވުމަށް ހާއްސަ ސަމާލުމަކެއް ދެއްވުމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ޖުމްހޫރީ ގުޅުމުގެ ފަރާތުން އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކޮށްލުމަށް ޖުމްހޫރީ ޕާޓީގެ ކުނޫޒު މާލަމުގައި މިރޭ ބޭއްވި ހާއްސަ ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ކިތަންމެ ފޯރީގައި އުޅުނު ނަމަވެސް ވޯޓްލުމަށް ރަޖިސްޓްރީ ނުވާނަމަ ވޯޓްލުމުގެ ފުރުސަތު ގެއްލިގެންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ހުރިހާ ފަރާތްތަކަކުންވެސް ދެއްވަންޖެހޭ ކަމަށާއި އަދި އައިޑީ ކާޑު އަތުން ދޫނުކޮށްލުމަށްވެސް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ވޯޓުލުމަށް ރަޖިސްޓްރީ ކޮށްދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން ބައެއް މީހުންގެ އައިޑީކާޑް އަތުލުމަށްފަހު ފޮރުވަމުންދާ ކަމަށާއި އެފަދަ ކެހިވެރި މަޅިއެއްގައި އެއްވެސް ފަރާތަކުން ޖެހިވަޑައިގެން ވޯޓް ލުމުގެ ހައްޤުން މަހުރޫމްވެދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހު ވީހާވެސް ހެނދުނު ހުރިހާ ފަރާތްތަކަކުންވެސް ވޯޓްލުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެހެންނޫނީ އައިޑީކާޑު ގެއްލުން ފަދަ ކަމެއް ވެގެން ވޯޓް ނުލެވި ބޮޑު ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމަށާއި އެފަދަ ކަމެއްވުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.
" މިއަންނަ އިންތިހާބުގައި ވޯޓްލާއިރު ތަފާތު ގޮތްގޮތަށް ތަފާތު ޕާޓީ ތަކުގެ ނަމުގައި އެގެއެއްގެ މީހުންނަކީ މިވެނި ޕާޓީއެއްގެ މީހުން ކަމުގައި ވަންޔާ އަދާލަތު ޕާޓީ ކަމުގައި ވަންޔާ އަދާލަތު ޕާޓީގެ މީހެކޭ ކިޔާފައި ގޮސް ވޯޓާސް ރަޖިސްޓްރޭޝަނުގެ ފޯމް ފުރައިގެން ގެންގޮސް އެފޯމްތަކެއް ދުވަހަކުވެސް އެތަނަކަށް [އިލެކްޝަންސް ކޮމިޝަނަށް] ނުއެއްލާނެ. ދެން ނުލާ ހިފަހައްޓާ ބަހައްޓާ ބަޔަކު އެބައުޅޭ. އާދެ އެގޮތަށް ކަންތައްތައް ކުރާ ކަމަށްވަންޔާ އޭގެ މާނައަކީ ވޯޓްލާންދާއިރު، އޭނާގެ ނަމެއް ލިސްޓަކު ނޯންނާނެ. އެތަނަކަށް ވޯޓެއް ނުލެވޭނެ. އެހެންވީމާ މިނިކަމެތިކަން ދިނުމަށްޓަކައި މިކަން ކުރަނީ. އަނެއްކޮޅުން ފައިސާ ދީފައި އައިޑީކާޑުވެސް އަތުލާނެ. އެހެންވީމާ މިކަހަލަ ކެހިވެރި ނިކަމެތި ކަންތައްތަކެއް ދިމާކުރާނެ މިފަހަރު" ޤާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު މިރޭވެސް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ޖުމްހޫރީ ގުޅުމުގެ އެންމެ ބޮޑު އެއް މަޤުސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންނަށް އުފާފާގަތި ތަނަވަސް ދިރިއުޅުމެއް ހޯއްދަވައިދެއްވުން ކަމަށެވެ. ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ ރައްޔިތުން އެކަމަށް ބޭނުންވެ ޤައުމީ ރޫހުގައި މަސައްކަތް ކުރުމުން ކަމަށް ވިދާޅުވެ ޤާސިމް އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް މިނިވަންކަމާއެކު ޤައުމު ގެންގޮސްދިނުމަކީ މިއަދުގެ ޖީލުތަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
މިބައްދަލުވުމުގައި ޤާސިމް އިބްރާހިމް ވަނީ ކަމުގެ ހަޤީގަތްތައް ރައްޔިތުންނަށް ވީހާވެސް ރަގަޅަށް އޮޅުން ފިލުވައިދިނުމަށް ހަބަރު ފަތުރާ ވަސީލަތްތަކުގެ ކިބައިންވެސް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ދަންނަވަން ބޭނުމީ ނޫސް މީޑިއާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް މިމަކަރުވެރި ހީލަތްތެރި ކަމުން އަޅުގަނޑުމެންގެ ޤައުމު މިންޖުކުރުމަށްޓަކައި ތިޔަބޭފުޅުންނަށްވެސް ވެވަޑައިގެންނެވެން އޮތް ހުރިހާ ކަމެއްވެސް ކޮށްދެއްވުމަށް. މިކަން އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަގަޅަށް ސާފުކޮށް ރައްޔިތުންނަށް އޮޅުންފިލުވައިދޭން. ރައްޔިތުންނަށް ކިޔައިދޭން. ރައްޔިތުންގެ ގެތަކަށް ގޮސްވެސް މިކަންކަން ކުރަން އެބަޖެހޭ. އެމީހެއްގެ ޤައުމީ ވާޖިބެއް އެމީހެއްގެ ވޯޓް ލުމަކީ" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓް ޑރ. ހަސަން ސައީދާއި، އަދާލަތު ޕާޓީގެ ރައީސް އައްޝެއިހް އިމްރާން އަބްދުﷲއާ، ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ފަޔާޒުއާ ޖުމްހޫރީ ގުޅުމަށް ނިސްބަތްވާ ޕާޓީ ތަކުގެ އިސް ބޭފުޅުންނާއި ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ވޯޓްލާން ރަޖިސްޓަރީވުމުގައި ސަމާލުވާން ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ