ވޯޓުލުމުގެ ތެރޭގައި ހަމަނުޖެހުން ހިނގާ ކަމަށް ޔާމީން ވިދާޅުވެއްޖެ

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓު ލުން ކުރިއަށްދާ އިރު ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގާ ކަމަށް، ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. "ވިޔާނުދާ ކަންތައްތަކެއް" ކުރިއަށް ދިޔަ ނަމަވެސް ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު ޔާމީން އަމީނިއްޔާ ސްކޫލުގައި ހުރި ވޯޓު ފޮށްޓަށް ވޯޓުލެއްވުމަށް ފަހު ނުކުމެވަޑައިގެން ވިދާޅުވީ ވޯޓު ލުން ކުރިއަށްދާ އިރު ވެސް ހިނގައިގެން ނުވާނެ ފަދަ އެތައް ކަމެއް ހިނގަމުންދާ ކަމަށާއި ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އެފަދަ ކަންކަން ފެނުމަކީ ދެރަކަމެއް ކަމަށެވެ. "އިމާދުއްދީން ސްކޫލު ކައިރީގައި މިއަދު ހެނދުނު ތަޅާފޮޅުން ހަމަ އެ ގޮތަށް ހިރިޔާ ސްކޫލު ކައިރީގައި ވެސް ހިނގި. މިއީކީ އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އަޅުގަނޑުމެން ޕާޓީގެ މެންބަރުންގެ ފަރާތުން އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަމެއް ނޫން. މިކަމާ ހިތާމަކުރަން،" ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވި އެވެ. ޔަމީން މިހެން ވިދާޅުވެފައިވާ އިރު އިމާދުއްދީނާއި ހިރިޔާ ސްކޫލު ކައިރީގައި ދެ ފަރާތުން ސަޕޯޓަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގައިފައި ވެ އެވެ. އެންމެ ބޮޑަށް މައްސަލަޖެހިފައި ވަނީ ކެމްޕެއިން ތޮފިތައް އަޅައިގެން ވޯޓު ލާ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާތީ އެވެ. ޕްރައިމަރީގައި އުމަރު ނަސީރާ ވާދަކުރައްވާ ޔާމީން ވިދާޅުވީ މި އަށް ވުރެ ރީތިކޮށް ވެސް މި ކަންކުރެވޭނެ ކަމަށާއި ބޭނުން ވަނީ ވެސް ރީތި ގޮތުގައި އިންތިހާބުގެ ކަންކަން ނިމިގެންދިއުން ކަމަށެވެ. "އަޅުގަނޑު ދަންނަވާނީ ވަރަށް ފޯރިއާ އެކު ވޯޓުލުން ކުރިއަށް ދެއޭ. އެކަމު އަޅުގަނޑަށް ތަފާތު ދިމަދިމާލުން އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި އެތެރޭގެ އިންތިހާބެއްގައި ހިންގައިގެން ނުވާނެ ކަންތައްތައް ފެންނަމުން ދެއޭ. އެބަ އެނގޭ ގްރޫޕްތަކެއް ނުކުމެ ވޯޓުލާ ސަރަހައްދުތަކަށް ވަދެ، އެއީކީ ފާސް ވެސް އޮތް ބައެއް ނޫން. ވަރަށް ވިޔާނުދާ ކަންތައްތައް އެބަ ހިންގާ،" ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި ވެސް ކަންކަން ދިޔައީ ރަނގަޅަށް ނޫން ކަމަށާއި ނަމަވެސް ޕްރައިމަރީ އަށް ފަހު ވެސް ޕާޓީ ހީނަރުވެގެން ނުދާނެ ކަމަށެވެ. ކެމްޕެއިން ތެރޭގައި އުމަރާއި ޔާމީންގެ ފަރާތުން ވެސް ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. ދެ ބޭފުޅުންގެ މެދުގައި މައްސަލަތައް އިންތިހާ އަށް ގޯސްވެފައިވީ ނަމަވެސް ދެ ބޭފުޅުން މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅެއްގެ ފަހަތުގައި ހުންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ