ޕީޖީގެ މަގާމަށް މައުމޫން ހަމީދުގެ ނަން މަޖިލީހަށް ފޮނުވައިފި

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް އެމަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މައުމޫން ހަމީދުގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.
ގާނޫނީ ވަކީލު މައުމޫން ހަމީދަކީ ރައީސް ޔާމީންގެ އެއްބަފާ ބޭބެ އަދި ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ދަރިކަލެކެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި މައުމޫން ހަމީދަކީ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ގާތްގަނޑަކަށް 17 ވަރަކަށް އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ސިފައިންގެއާއި، ބަންޑާރަނައިބު އޮފީހުގަ އެވެ.
ރައީސް އޮފީހުން ބުނީ މައުމޫން ހަމީދުގެ ނަން ޕީޖީގެ މަގާމަށް ރައީސް ހުށަހަޅުއްވާ ނަމުގެ ގޮތުގައި މަޖިލީހަށް ފޮނުއްވި ނަމަވެސް އެމަގާމަށް ކުރިމަތިލެއްވި އަނެއް ހަތަރު ބޭފުޅުންގެ ނަންވެސް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މައުލޫމާތަށްޓަކައި ފޮނުއްވާފައިވާ ކަމަށެވެ.
މައުމޫން ހަމީދުގެ އިތުރުން ޕީޖީގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް އަލްއުސްތާޒު ހުސައިން ޝަމީމްއާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އާއި، މއ. ބިންމާވިލާ އިސްމާއިލް ވަހީދުއާއި، ޕީޖީގެ ސީނިއާ ލޯޔަރެއް ކަމަށްވާ ދަފްތަރު 5514 އައިޝަތު ފަޒްނާ އަހުމަދު އެވެ.
ޕީޖީގެ މަގާމުގައި އެންމެފަހުން ހުންނެވި އަހްމަދު މުއިއްޒު މިދިޔަ މަހުގެ 25 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. މުއިއްޒު މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ މައްޗަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ޕްރޮސެކިއުޓާ ޖެނަރަލްގައި ހުރުން ލާޒިމްވާ ސިފަތައް ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 25 އަހަރުވެފައިވާ މީހެއް ކަމުގައިވުމާއި، އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
އަދި ގާނޫނު އަސާސީއާ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ އަދި އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި، ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ތއުލީމާ ގާބިލްކަން ހުރި މީހަކު ކަމުގައި ވާންވާނެ ކަމަށްވެސް ބުނެ އެވެ. މިގޮތުން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި ޝަރުއީ ނުވަތަ ގާނޫނީ ދާއިރާގައި ރާއްޖޭގައި މަސައްކަތް ކުރާތާ މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކުގައި ވާންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނަރަލް ކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި، ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއް ކުރާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ މިނޫންވެސް މިފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުމާއި އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވާންޖެހޭނެ ކަމަށް ޕީޖީގެ ޝަރުތުތަކުގެ ތެރޭގައި ބުނެފައިވެ އެވެ.
ޕީޖީގެ ގާނޫނުގައި ބުނެފައިވަނީ އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ